އިތުރު 2 މީހުން ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫން ސާމްޕަލްނެގި ދެ މީހުން ކަމަށެވެ.
އެ ދެމީހުންނާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 މީހަކު ވަނީ ފެނިފައެވެ. ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ 2 މުވައްޒަފެކެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރައިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ށ. ފޯކައިދޫން ދިވެއްސަކު ވަނީ މި ބައްޔަށް ޝައްކުކުރޭވޭތީ މާލެއަށް ގެނެސް ފަރުކޮޅުފުށީގައި އިތުރަށް މޮނިޓާކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ކަރަންޓީން ކޮށްފައެވެ. މީނާ އަކީވެސް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފައި ވަނީވެސް މިރޭއެވެ.
ރާއްޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.