ކޮވިޑް-19 ޖެހިފައިވާ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފިއެވެ.
ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ދިޔަ ގޮތާމެދު ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން އެކަން އިތުރަށް ތަހުގީގުކޮށް އެކަންކަމުގެ މައްޗަށް ޖިނާޢީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވާފައިވާ ކަމަށެވެ.
ޕީޖީ އެހެން ވިދާޅުވެފައި ވާއިރު، ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނިގެން އޭނާ ފްލައިޓުން ބޭލި ކަމަށާއި، އޭނާ އެއަށްފަހު މާލޭގައި ހުންނަ މާގިރި ހޮޓަލަށް ދިޔަ ކަމަށް ސޯޝަލްމީޑިއާގައި ވަނީ އަޑުފެތުރިފައި ވެއެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ޅ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަ ނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭކަން ނުވަތަ ނޫންކަން ބަލަމުންދާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ށ. ފޯކައިދޫން ދިވެއްސަކު ވަނީ މި ބައްަޔަށް ޝައްކު ކުރޭވޭތީ މާލެއަށް ގެނެސް ފަރުކޮޅުފުށީގައި އިތުރަށް މޮނިޓާކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ކަރަންޓީން ކޮށްފައެވެ. މީނާ އަކީވެސް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ކޮވިޑް19 ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓުގައި މިވަގުތު ޖުމްލަ 699 ފަތުރުވެރިން ތިބިއިރު، މުވައްޒަފުންގެ ގޮތުގައި ޖުމްލަ 738 މުވައްޒަފުން އެބަ ތިއްބެވެ. އެއީ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ގޮތުގައި 281 މީހުނާއި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 457 މީހުންނެވެ.
ރާއްޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.
ތިވާނީ ކުރީ ސަރުކާރުން ކުރިކަމަކަށް.