ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ އެއްވެސް ކެފޭއެއް އަދި ރެސްޓޯރަންޓެއްގައި ޝީޝާ ސާވްކުރުން މަނާކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ މުނިސިޕަލް އެފެއާޒް މިނިސްޓްރީއިން މިއަދު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޝީޝާ ނުވަތަ ހޫކާ އަކީ މެދުއިރުމަތީގެ ކެފޭތަކާ ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު އައިޓަމެކެވެ. ރާއްޖޭގައި މިފަހަކަށް އައިސް ޝީޝާ ބުއިމުގެ ސަގާފަތެއް ބައެއް ކެފޭތަކާ ރެސްޓޯރަންޓްތަކުގައި ވަނީ ފަށާފައެވެ.

ސައުދީ އަރަބިއްޔާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 15އަށް އަރާފައެވެ. ސައުދީއިން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްގައި ޗުއްޓީ ހޭދަކުރުމަށްފަހު ސައުދީއަށް ދަތުރުކުރި އެމެރިކާގެ ފަތުރުވެރިއެއް ކަމަށް ޚަބަރު ލިބެއެވެ.

ސައުދީ އަރަބިއްޔާއިންދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން އުމްރާ ދަތުރުތައް ކެންސަލް ކުރުމުގެ އިތުރުން، ސައުދީއިން މިހާރު ވަނީ ތެލުގެ ވިޔަފާރީގެ މުއްސަނދިކަން ލިބިފައިވާ އަލް ޤަޠީފު ސިޓީއަށް ވަދެނިކުމެވުންވެސް މަނާކޮށްފައެވެ. މީގެ އިތުރުން ބައެއް ގައުމުތަކުން ސައުދީއަށް އެއްވެސް ވަރަކަށް ދަތުރު ނުކުރެވޭ ގޮތަށްވެސް އެގައުމުން ވަނީ ހަމަޖައްސާފައެވެ.