ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19އަށް) ޕޮޒިޓިވްވި އުމުރުން 100 އަހަރުގެ ފިރިހެނެއް، ފަރުވާއާއިއެކު އެ ބަލިން ރަނގަޅުވެފައިވާކަން ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މިއާއެކު މި ފިރިހެން މީހާ ވެފައިވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދި މީހުންގެ ތެރެއިން މުޅިން ބަލި ފަސޭހަވި އެންމެ ދޮށީ މީހާއަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ ދޮށީ އުމުރުގެ މީހުންނަށް ކަން ފާހަގަކޮށްފައެވެ. ނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާކޮށްގެން ކޮވިޑް-19އިން ސަލާމަތްވެއެވެ.

ޝީންހުއާ ނިއުސް އޭޖެންސީއިން މައުލޫމާތު ދޭ ގޮތުގައި އެމީހާއަށް ފަރުވާކޮށްފައިވަނީ ވޫހާން ސިޓީގެ ހޮސްޕިޓަލަކުންނެވެ. ވޫހާންއަކީ ކޮވިޑް-19ގެ ފެށުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޗައިނާގެ ސިޓީއެވެ.

ހޫބޭގެ މެޓާނިޓީ އެންޑް ޗައިލްޑް ހެލްތް ކެއާ ހޮސްޕިޓަލުގައި ކޮވިޑް-19ގެ މި ޕޭޝަންޓް އެޑިމިޓްކުރީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާ، ފަރުވާ ކުރުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ މާޗް 8 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.

ރޯގާގެ އަލާމާތްތަކުގެ އިތުރުން މި ފިރިހެން މީހާއަކީ އަލްޒައިމާޒް، ލޭމައްޗަށް ދިއުން އަދި ހިތުގެ ބަލިވެސް ހުރި މީހެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

13 ދުވަހު ހޮސްޕިޓަލުގައި އޭނައަށް ދިން ތެރަޕީތަކުގެ ތެރޭގައި އެންޓިވައިރަލް ޑްރަގްސް، ޕްލާސްމާ ޓްރާންސްފިއުޝަން އަދި ޗައިނާގެ ގަދީމީ ބޭސްފަރުވާގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު މެންދުރު 01:00 ގެ ނިޔަލަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 110110އަށް ވަނީ އަރާފައެވެ. މި ބަލީގައި 383 މީހުން މަރުވެފައިވާއިރު، 62356 މީހުން ވަނީ ފަރުވާ ހޯދައިގެން ބަލިން ފަސޭހަވެފައެވެ.