އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕޭން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާ އެކުގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ މައި ކެމްޕޭން ޓީމުން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީއަކީ 93000 އަށްވުރެގިނަ މެންބަރުން ތިބި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށެވެ. އަދި އެހެން ކަމުން، ރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެމްޕޭން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން ބުނީ، އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑް-19 އާއި ގުޅޭގޮތުން އާންމުކުރާ މައުލޫމާތާއި، ހަބަރު އެމްޑީޕީގެ ކެމްޕޭނު ޓީމުތަކުން އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ.

އެމްޑީޕީން ވަނީ ރާއްޖެއިން ކޮވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެ ޕާޓީން މި ނިންމުން ނިންމާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެގޮތުން އެ ޕާޓީން ވަނީ އެރެއަށް ތާވަލުކޮށްފައިއޮތް ރަށްވެހިފަތިސް ފެސްޓިވަލް ނިންމާ ހަފްލާވެސް ކެންސަލު ކޮށްފައެވެ.