ބަންގްލާދޭޝުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފިއެވެ. ބަންގްލާދެޝް މީހުން އައުން މަނާ ކުރީ ކޮވިޑް-19 އަށް އެ ގައުމުގެ ބަޔަކު ޕޮޒިޓިވް ވެފައި ވާތީ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެ އަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ. އަދި މި ހާލަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ދެމި އޮންނާނެ ކަމަށްވެސް ބުނެއެވެ.

ބަންގްލަދޭޝް މީހުންނާއި އެގައުމުން ރާއްޖެ އައުން މަނާކޮށްފައި ވަނީ އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް 3 މީހަކު ފެނިފައިވުމުގެ ސަބަބުންނެވެ. އެގޮތުން އެ ތިން މީހުންނަކީ ވެސް އިޓަލީއަށް ދަތުރުކޮށްފައިވާ ތިން މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ އިތުރުން ޗައިނާ، އިޓަލީ، އިރާން އަދި ސައުތް ކޮރެއާގެ ބައެއް ސަރަހައްދުތަކުން ވެސް މީހުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، މި ސަރަހައްދުތަކުން ވެސް ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ މީހުން އަދި ދިވެހިންނަށް ރާއްޖެ އެތެރެވެވޭނެއެވެ.

ބަންގްލަދޭޝުން މީހުން ރާއްޖެ އައުން މަނާކޮށްފައި ވާއިރު ރާއްޖެއިން ވެސް މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހަކު ފެނިފައެވެ. އަދި އެ 4 މީހުން ފެނިފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓު ވަނީ ވަގުތީގޮތުން އަރާފޭބުން މަނާކޮށްފައެވެ.