ކޮވިޑް-19 އަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން 6000 އަށް ވުރެ ގިނަ ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޑް ކްރެސެންޓްގެ ޕްރޮގްރާމްސް އެންޑް ސާވިސް މެނޭޖަރު މައީދް ޒާހިރު ވިދާޅުވީ، ކޮވިޑް-19 އަށް ބިދޭސީން ހޭލުންތެރިވުމުގެ ގޮތުން، ފޭސް ޓު ފޭސް އެޕްރޯޗުގައި 6000 އަށް ވުރެ ގިނަ ބިދޭސީންނާއި މި މަލީގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަމައެކަނި މާލެއިން މައުލޫމަތު ފޯރުކޮށްދިން ބިދޭސީންގެ އަދަދު ކަމަށް ވެސް މައީދް ވިދާޅުވިއެވެ.
މައީދު ވިދާޅުވީ، ބިދޭސީންނަށް މައުލޫމަތު ފޯރުކޮށްދިނުމަށްޓަކައި، ބިދޭސީން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކަށް ރެޑް ކްރެސެންޓްގެ ދަރުމަވެރިން ޒިޔާރަތްކޮށް، އެ ފަރާތްތަކާއި މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ މައިދާން ފަދަ ސަރައްހައްދުތަކަށް ދަރުމަވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މައީދް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބިދޭސީންނަށް މައުލޫމަތު ފޯރުކޮށްދިނުމަށްޓަކައި، އެކި އެކި ކުންފުނިތަކާ ގުޅިގެން ވެސް ރެޑް ކްރެސެންތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދަރުމަވެރިންގެ ގޮތުގައި ވެސް ބިދޭސީން ވެސް ހަރަކާތްތެރިވާ ކަމަށެވެ.
މީގެ އިތުރުން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ވަނީ ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދޮރުން ދޮރަށް ހިގުމުގެ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ. އަދި މި ބަލި ރާއްޖެއިން ފެނުމާއި ގުޅިގެން އެ ޕްރޮގްރަމް މިހާރު ހުއްޓާލާފައިވާ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނެއެވެ. އަދި މިހާރު ރެޑް ކްރެސެންތުން ކުރަމުން ގެންދާ މަސައްކަތަކީ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުން ކަމަށާއި، އެގޮތުން ކޮވިޑް-19 އަށް ޝައްކު ކުރެވި، އެކަހެރިކޮށްފައިވާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ސައިކޯ ސޯޝަލް ސަޕޯޓް ދެމުންދާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
ރެޑް ކްރެސެންޓުގެ ސައިކޯ ސޯޝަލް ސަޕޯޓް ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެކަމަށް ތަމްރީނު ލިބިފައިވާ ހާއްސަ ދަރުމަވެރިން ކަމަށް އެތަނުން ބުނެއެވެ.