ކޮވިޑް-19ގެ މައްސަލަ ހައްލު ކުރުމަށް އެމްއެންޑީއެފާ ހަވާލުކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދު ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވަނީ، ކޮވިޑް-19އާ ގުޅިގެން ސިއްހީ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކުން އިހުމާލުވެފައިވާ މައްސަލަ ބަލާ މިހިނދުން މިހިދަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.

ޖާބިރު ވިދާޅުވީ، ދިވެހި އިގްތިސޯދު އެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތަށްވީ ހިނދު، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުން ފަތުރުވެރިން ގެނައުން ކުއްލިއަކަށް މަނާ ކުރުމަކީ، މި ސިނާއަތަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުޑުފުޑުވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ލިބި، އެ ވަޒީފާތަކުން އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަށް ލިބޭ ކޮންމެ ގެއްލުމަކީ، ދިވެހި އެތައް ރައްޔިތުންނަކަށް ލިބޭ ގެެއްލުމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދުނިޔޭގައި ހަރުދަނާކޮށް ފެތުރެމުންދާ ކޮވިޑް-19އާ ގުޅޭގޮތުން ސަރުކާރުން އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ވާހަކައާ، ވައިގެ މަގުން ރާއްޖެ އަންނަ އެންމެހާ ފަރާތްތައް އެތެރެވާ މައި ދޮރޯށިކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްކްރީން ކުރުމުގެ މަސައްކަތް ފެށި ވާހަކަ އިވޭތާ އެއް މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ފާއިތުވި ދެ ދުވަސްތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ދެ ރަށަކާއި ތިން ރިސޯޓަކަށް މީހުން އަަަރާ ފޭބުން މަނާކޮށް، އެރަށްތަކަށް އޮރެންޖް އެލާޓްނެރެ، މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއާއި އިޓަލީން ފަތުރުވެރިން ގެނައުން މުޅިން ހުއްޓާލާ، މުޅި ގައުމު ކުއްލި ހާލަތަކަށް ގެނައުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

ރާއްޖެއާ ހަމައަށް ކޮވިޑް-19 ފޯރާ، ރާއްޖެއަށް ޔެލޯ އެލާޓް ނެރެން ޖެހޭ ހިސާބަށްގޮސް ދިވެހި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައު މުވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން، ރާއްޖޭގެ މައި ދޮރާށިން އެތެރެވާއިރު، އަދި ރާއްޖެއިން ފުރައިގެންދާއިރު ރަނގަޅަށް ސްކްރީން ނުކުރެވުމުގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، އެ މަސައްކަތް ހަވާލުކޮށްފައިވާ، ސިއްހީ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކުން އިހުމާލުވެފައިވާ މައްސަލަ ބަލާ މިހިނދުން މިހިދަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭއަށް ކުރިމަތިވެގެން އުޅޭ ނުރައްކާތެރި މައްސަލަ ހައްލުކޮށް، އެކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަމާއި ވަސީލަތްތައް ހުރީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ޑިފެންސް ފޯސްގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ވެސް ދިވެހި ގައުމާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި އެމްއެންޑީއެފުން އަދާކޮށްފައިވާ ދައުރަކީ، އެމީހުންނަށް ތައުރީފު ހައްގު ކަމެއް ކަމަށާއި ދިވެހި ގައުމާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި ކުރަން ޖެހޭ ކޮންމެކަމެއް ކުރުމުގެ ގާބިލުކަން އެމްއެންޑީއެފަށް ލިބިފަިއވާކަން އެނގި، ކަށަވަރުވެފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކީ ކޮރޯނާ ވައިރަސް ހުންނަ ފަރާތްތައް ނޫން ކަމަށެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީންކޮށް މިބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރަށް ފުރުވާލާ، މި ވައިރަސް ނެތްކަން ކަށަވަރުކުރެވޭ މީހުން ރާއްޖެއަށް އެތެރެކުރެވޭ ގޮތުގެ މަތިން ކަމާ ބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއާ އިޓަލީން ފަތުުރުވެރިން ގެނައުން މުޅިން މަނާކޮށްފައިވާ ކަން ޖާބިރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ސަބަބުން މި ސިނާއަތަށް އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނަށް ގެއްލުންވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، އިޓަލީއާ ޗައިނާއިން މީހުން ގެނައުން ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ފުޑުފުޑުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ރައްޔިތުން ނިކަމެތިވެ، ހާލުގައި އުޅެން ޖެހިފައިވާތީ، މި މައްސަލަ ހައްލު ކުރުމަށް އަޅަން ޖެހެ ހުރިހާ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް އެމްއެންޑީއެފާ ހަވާލުކުުރުމަށް އޭނާ ގޮވާލެއްވިއެވެ.

މި ކުއްލި މައްސަލަ ފާސްވެފައިވަނީ މިއަދު ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 41 މެންބަރުންގެ ވޯޓާއެކުއެވެ.