ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުުގައި ކްރޮސްރޯޑްސް މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުދެވޭ ގޮތަށް، ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ކްރޮސްރޯޑްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ތަނުގެ މުވައްޒަފުންނާއި، ފަތުރުވެރިންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެތަނުން ފުރަތަމަ ބަލާނީ އެތަނުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް އެ ރިސޯޓުން ބުނެއެވެ.

މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ރިސޯޓަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް އެ ރިސޯޓުން ބުނެއެވެ. އެ ރިސޯޓުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން، އަނެއްކާވެސް ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.

ކްރޮސްރޯޑްސް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވީ ނަމަވެސް، އެއީ ހަމައެކަނި ސަލާމަތީ ފިޔަވަޅެއް ކަމަށާއި، މިހާތަނަށް ކޮވިޑް-19ގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށް އެ ރިސޯޓުން ބުނެއެވެ.

ވަގުތީ ގޮތުން ކްރޮސްރޯޑްސް، ޒިޔާރަތްކުރާ މީހުންނަށް ބަންދުކޮށްފައި ވާއިރު، މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 2 މީހަކު ފެނިފައެވެ. މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނެވެ. ކުރެއްދޫއިން 2 މީހަކު މި ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް ވަނީ ވަގުތީ ގޮތުން ލޮކްޑައުން ކޮށްފައެވެ.