ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ އާ ގުޅިގެން، ރޯގާޖެހިފައި ވާ މީހަކު މި ދަނޑިވަޅުގައި، ގޭގައި ނަމާދު ކުރުމުންވެސް އޭގެ އެންމެ ފުރިހަމަ ސަވާބު ލިބޭނެކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯގާޖެހިފައިވާ މީހަކު ނަމަ މި ދަނޑިވަޅުގައި މިސްކިތަށް ނުދިޔުމަށާއި އެފަދަ މީހުން ގޭގައި ނަމާދު ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ޒައިދު ވަނީ ތަކެތީގެ އަގު ބޮޑު ކުރަމުންދާ ވިޔަފާރިވެރިންނަށް، މިހާލަތުގައި ވިޔަފާރީގެ ނާޖާއިޒް ފައިދާ ނުނެންގެވުމަށާއި ވިޔަފާރީގައި ބަރަކާތް ލައްވާނީ އެމީހަކު ކުރާ ހޭދައަކުން ކަމަށް ބުނެ ނަސޭހަތް ދެއްވާފައެވެ.

ޗައިނާގެ ވޫހަން ސިޓީން އުފެދި، މުޅި ދުނިޔެއަށް ފެތުރެމުން ދާ ކޮވިޑް 19 މިހާރު ރާއްޖޭން ފެނިފައި ވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ކޮންމެހެން ދާންޖެހިގެން މެނުވީ ރާއްޖޭން ބޭރަށް ދަތުރު ނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން ގިނަ ތަންތަނަށް ނުދިޔުމަށް ރާއްޖޭގެ ޑޮކްޓްރުންނާއި ސިއްހީދާއިރާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވަނީ ކޮރޯނާ ޓާސްކްފޯސްއިން ބުނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު 2 މުވައްޒަފުންނެވެ.