ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިތިބި ބަލި މީހުންނަށް މިއަދުން ފެށިގެން ޒިޔާރާތް ކުރާ ގަޑި ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރާތްކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި ކޮންމެހެން ހޮސްޕިޓަލަށް އަންނަންނުޖެހޭނަމަ، މި ދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރާތްނުކުރުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެހެން ނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާއެކު މަޑުކުރެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ޗައިނާގެ ވޫހަން ސިޓީން އުފެދި، މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 މިހާރު ރާއްޖޭން ފެނިފައި ވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ކޮންމެހެން ދާންޖެހިގެން މެނުވީ ރާއްޖޭން ބޭރަށް ދަތުރު ނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން ގިނަ ތަންތަނަށް ނުދިޔުމަށް ރާއްޖޭގެ ޑޮކްޓްރުންނާއި ސިއްހީދާއިރާގެ ކަމާބެހޭ ފަރާތްތްކުން ދަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވަނީ ކޮރޯނާ ޓާސްކްފޯސްއިން ބުނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ޕޮޒިޓިވް ވެފައި ވަނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު 2 މުވައްޒަފުންނެވެ.