ކޮވިޑް19 އާއި ގުޅިގެން އެއްލައްކައަށް ވުރެން ގިނަ ބުކިންގް ކެންސަލް ކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން އެއްލައްކަ ފަންސަވީސްހާސް އަށްސަދޭތާ ހަތާވީސް ކެންސަލޭޝަން އެބަހުރި ކަމަށެވެ. ނަމަވެސް ތިން ލައްކަ ތިންހާސް ދުއްސައްތް ތޭވީސް ބުކިން އަލަށް ހައްދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަންނަ ލޮޅުންތައް ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އިންސައްތައާއި، މިދިޔަ އަހަރު ޒިޔާރަތްކުރި އަދަދަށް ބަލާއިރު 0.9 އިންސައްތަ އިތުރު ކަމަށެވެ. އަދި ޗައިނާއާއި އިޓަލީފަދަ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރިއަސް، ދުނިޔޭގެ އެހެން މަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެވިގެންދާ ކަމަށެވެ. އަދި މި ދާއިރާގައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ވައިރަސްއަށް ޕޮޒިޓިވްވީ ދެ މީހުން ފެނުނު ޅ. ކުރެއްދޫގެ ހާލަތު ބަޔާންކުރަމުން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓުގައި މި ވަގުތު 696 ފަތުރުވެރިން އެބަ ތިބި ކަމަށެވެ. އަދި އޭގެތެރޭގައި 281 ދިވެހިންނާއި 457 ބިދޭސީން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަރަށް ގާތުން އެ ފަރާތްތަކުގެ ހާލަތު މޮނީޓާ ކުރަމުންގެންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ރިސޯޓުގައި ތިބި ފަރާތްތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް އިޓަލީގެ ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. އަދި އެންމެ ގަދަޔަށް މި ވައިރަސް ފެތުރޭ ޗައިނާއިންވެސް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ދެމީހަކުވަނީ ޕޮޒިޓިވް ވެފައެވެ.