ޝެފް ބެން ޗާޗިލް ބުނާ ގޮތުގައި އޭނާއަކީ 'ފުޑް އިލޫޝަނިސްޓް' އެކެވެ. ނުވަތަ ކާބޯތަކެތި ބޭނުންކޮށްގެން ލޮލަށް އޮޅުވާލާ މީހެކެވެ. އެއީ ހަމަ ތެދެކެވެ. އޭނާގެ މަސައްކަތަކަކީ ކާބޯތަކެތި ބޭނުންކޮށްގެން ތަފާތު އެހެން މަންޒަރެއް ލޮލަށް ސިފަކޮށްދިނުމެވެ. ވަކިން ހާއްސަކޮށް، މޭނުބައިކުރާނެހާ ފަރުމާތަކަށް ކާބޯތަކެތި ބައްޓަން ކުރުމަކީ ޝެފް ޗާޗިލްއަށް ހާއްސަ ހުނަރެކެވެ.

ފޮނިކާތަކެތި ތައްޔާރުކުރާ ޝެފުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ އެއްކަމަކީ ބަލާބެލުމަށް އެ ޑިޝްއަކީ ނުވަތަ އައިޓަމްއަކީ އެއްވެސް މީހަކު ނުކައި ދޫކޮށްނުލާނެ އެއްޗަކަށް އެ ޑިޝްތައް ހެދުމެވެ. ބައެއް ފަހަރު ބަލާބެލުމުން ބަނޑާއި ހިތްވެސް ފުރޭ ފެންވަރަށް ޑިޝްތައް ތައްޔާރުކުރާ ޝެފުން އުޅެއެވެ.

https://www.instagram.com/p/B654wx_JaDr/

ޝެފް ޗާޗިލްގެ މިސްރާބު މުޅިން ތަފާތެވެ. އޭނާގެ މިސްރާބަކީ އަނގަޔަށް މީރު ކާބޯތަކެތިން، ބަލާލަން އުނދަގޫ، މޭ ނުބައިކުރާ ޒާތުގެ ފަރުމާތައް ތައްޔާރު ކުރުމެވެ. އެހެން ޑިޝްތަކަކީ އެ ޑިޝްއަކަށް އިންސާފުކުރުމަށް ބައެއް މީހުން ކިތަންމެ ބައިވަރު ފައިސާއެއްވެސް ޚަރަދު ކޮށްފާނެ ޑިޝްތަކެކެވެ. މިއާ ހިލާފަށް ފައިސާ ދީގެންވެސް ޝެފް ޗާޗިލްގެ ޑިޝްއެއް ކާލާނެ މީހަކު މަދުވާނެއެވެ.

ޝެފް ޗާޗިލްގެ ހާއްސަ ފަރުމާތަކުގެ ތެރޭގައި ތަށި ދޮންނަ އިސްޕަންޖު، ފޫޖެހި އޮރެންޖު، ކުނި ބީޓް ރޫޓް ފަދަ ޑިޝްތައް ފާހަގަކުރެވެއެވެ. ސޯޝަލް މީޑިއާގައިވެސް ޝެފް ޗާޗިލްގެ ފަންނުވެރިކަން މިހާރު ދަނީ ވައިރަލް ވަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޝެފް ޗާޗިލް ދަނީ އޭނާގެ އާދަޔާ ހިލާފު އީޖާދުތައް އޭނާގެ ނަމުގައި އެކައުންޓްތަކެއް ހަދައިގެން ހިއްސާކުރަމުންނެވެ. އަދި ލޮލަށް ފެންނަން މަންޒަރު ތައްޔާރު ކުރުމަށް އޭނާ ބޭނުންކޮށްފައިވާ އަނގަޔަށް މީރު ބާވަތްތައްވެސް އެ ޕޯސްޓަކާއެކު އޭނާ ލިސްޓުކޮށްދީފައި ހުރެއެވެ.