އަންހެނުންނަށް ކުރާ އަނިޔާތަކާއި ގުޅޭ ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު އީވާ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ގަރާރުގައި އީވާ ވިދާޅުވެފައި ވަނީ މުޅި ރާއްޖޭގެ އާބާދީއަށް ބަލާލާއިރު 49 ޕަސެންޓު ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. ނަމަވެސް އެމީހުންނާއި މެދު މުޖުތަމައުގައި އަދިވެސް ތަފާތުކުރުންތައް ހުންނަކަން ފާހަގަކޮށް އެ ތަފާތު ކުރުންތައް ނައްތާލުމާއި ގުޅޭ ގޮތުން ވަނީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. ވަކިން ހާއްސަކޮށް އެ ތަފާތު ކުރުންތައް ނައްތާލުމުން ގައުމީ ތަރައްގީގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ހިއްސާ އޮތުމުން ތަރައްގީގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް އީވާ ހުށަހެޅުއްވި ގަރާރުގައިވެއެވެ.

އީވާ ވަނީ އޭނާގެ ގަރާރުގައި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމާއި އެކަމުގެ ސަބަބުން އަންހެނުންނަށް ލިބިގެންދާނެ ފައިދާތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އީވާ ވިދާޅުވީ އެފަދަ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވެގެން ދާނެ މައްސަލަތަކަށް ހައްލު ހޯދުމަށްވެސް އެޅިގެންދާނެ ފިޔަވަޅެއް ކަމަށެވެ.

އީވާ ހުށަހެޅުއްވި ގަރާރުގައި ބުނީ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގައުމީ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަންނ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އަންހެނުންގެ ދައުރު އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ވަނީ އިތުރުވެގެން ގޮސްފައެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާއި ތަފާތު ކުރުންތައް ނައްތާލުމަށް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ހުރި ދަތިތައް ހައްލު ކުރުމަށް އެތައް މަސައްކަތެއް ކޮށްފައިވާއިރު އަދިވެސް އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށްޓަކައި މީގެ އިތުރުން ވެސް ކަންކަން ކުރަންޖެހިފައިވާ ކަމަށް ގަރާރުގައިވެއެވެ.

އީވާގެ ގަރާރުގައި ވިދާޅުވީ މުޖުތަމައުގައި އަންހެނުންނާ މެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް އަދި އެފަދަ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ޕާލިމަންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ކަމަށެވެ.