އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި އިންޑިއާއާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް ބަލާލުމުން، އިންޑިއާގެ ހަގީގީ އެކުވެރިންނަކީ ކޮބައިކަން ކިތަންމެ ރަނގަޅަކަށްވެސް މިހާރު ހާމަވަމުން އަންނަ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދިޔަ އިވެންޓްއެއްގައި، ސީއޭއޭއާއި އިންޑިއާގެ މަސްރަހުގައި ހިނގާދާ އެހެން ކަންކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ އިޖާބަ އޮތީ ކިހިނެއްތީ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ހަގީގީ އެކުވެރިންނަކީ ކޮބައިކަން މިހާރު ދަސްވާން ފެށިފައި އޮތުން އެކަށީގެންވާކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ)ގެ ޝަރަފުގައި އެމެރިކާގެ ޓެކްސަސްގައި ކުރިއަށް ގެންދިޔަ

ޖައިޝަންކަރު ވިދާޅުވީ ކުރިމަތިވެފައިވަނީ އިމްތިހާނެއް ކަމަށާ، އިންޑިއާއިން ޑިފެންސްއަށް ކުޅުނު ޒަމާނެއްވެސް ދިޔަ ކަމަށެވެ. އިންޑިއާއަށް އޭރު އޮތީ ހަނި ފުރުސަތުތަކެއް ކަމަށާ، އިންޑިއާއަށް އޮތް ރިސްކުވެސް އޭރު ބޮޑު ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ. އޭރު އިންޑިއާއިން ހިޔާރުކޮށްގެން އޮތީ ކަންކަމާ ވީހާވެސް ދުރުގައި އޮތުމުގެ ސިޔާސަތެއް ކަމަށާ، ނަމަވެސް މިހާރު އެކަން އެހެން ވާން ނެތް ކަމަށްވެސް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ. އިންޑިއާއަކީ ދުނިޔޭގައި 5 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދު ކަމަށާ، ކޮންމެވެސް ދުވަހަކުން 3 ވަނަ މާގަމަށްވެސް ވާސިލުވެވޭނެކަމަށްވެސް އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

ޣައިރު މުސްލިމުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައި އޮތް ސީއޭއޭއާއި ދެކޮޅަށް އިންޑިއާގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު ވަރުގަދަ ކުރުމާއެކު ހިންދޫންގެ ގޭންގުތަކުން މަގުތަކަށް ނިކުމެ ހިންގި ހަމަނުޖެހުންތަކުގައި 50 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް ސަތޭކަ ބަޔަކު ޒަހަމްވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއަށް އެންމެ ބޮޑަށް ފާޑުކީ އެއް ގައުމަކީ އީރާނެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއާއި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުވެސް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ދިއްލީގައި ހިންގި ހަމަނުޖެހުންތަކާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މަޝްވަރާކޮށްފައިވާއިރު، އިންޑޮނޭޝިއާއިންވަނީ، އެ ގައުމުގައި ހުންނަވާ އިންޑިއާގެ މަންދޫބާވެސް މިކަމާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އިންޑިއާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގައި ވަނީ މުޒާހަރާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ބާނީ ސޭންޑާޒް ވަނީ، ދާދިފަހުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑީއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިމައްސަލައާއި ބެހޭ ގޮތުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައި ނުވާކަން ފާހަގަކުރައްވާ، ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ.

ކަޝްމީރުގެ ފޮޓޯ ޖާނަލިސްޓް މުނީބު އުލް-އިސްލާމް ނަގާފައިވާ ފޮޓޯއެއް/ފޮޓޯ: މުނީބު އުލް-އިސްލާމް

ދިވެހިރާއްޖޭގައިވެސް އިންޑިއާއާއި ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދިވެހި ސަރުކާރުން އަރުވާފައިވާ ޝަރަފު އަނބުރާ ގެންދިއުމަށް ގޮވާލާ ޕެޓިޝަނެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ހާރިޖީ ވަޒީރު އިންސާނީ ހަގުއްތަކާ ބެހޭ އދގެ ކައުންސިލަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕާކިސްތާނު ބޯޑަރު ހުރަސްކޮށް ހިންގާ 'ޖަރީމާ'ތަކުގެ ވާހަކަ އެކައުންސިލުން ނުއްދާކަމަށް ޖައިޝަންކަރު ވަނީ ތުހުމަތު ކުރައްވާފައެވެ. ޖައިޝަންކަރުގެ ވާހަކަތައް މިފަދަ ރޫހެއްގައި ހުރިއިރު، އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ވަނީ، ސީއޭއޭގެ މައްސަލާގައި އިންޑިއާގެ އެންމެ މަތީ ކޯޓަށް ދާނެކަން ހާމަކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ސީއޭއޭގެ މައްސަލާގައި ދިވެހިރާއްޖެއިން މާ ބޮޑު ވާހަކަތަކެއް ނުދައްކައެވެ. އިންޑިއާގެ މަސްރަހުގައި އުފެދޭ މިފަދަ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެއީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށެވެ.