ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ޑޮކްޓަރުން އެދެނީ ރައްޔިތުންގެ އެއްބައިވަންތަކަން އިސްކޮށް އެކަކު އަނެކަކަށް އަޅާލައި ޑޮކްޓަރުންނަށް އިތުބާރުކޮށް ސަރުކާރާއި ކަމާބެހޭ މުއައްސަސާ ތަކުން ދޭ އިރުޝާދުތައް އަޑުއެހުމަށެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ކޮވިޑް-19 ޓާސްކްފޯސްއިން ވަނީ ބުނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޕޮސިޓިވް ވީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބޭރުގެ ދެމީހުނެވެ. އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަމަށާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ޓާސްކްފޯސްއިން ތައްޔާރުކޮށްފައިވާ މިންގަނޑުތަކަ އެއްގޮތަށް ފިވަޅުތައް އަޅާފައިވާ ކަމަށް ޓާސްކްފޯހުގެ ފަރާތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިންވެސް ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ޑޮކްޓަރުންނަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލާއި ޑރ މުހައްމަދު އަލީ އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އަބްދުﷲ ނިޔާފެވެ.

ޑރ މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަހަރެމެން ތައްޔާރުވަމުން އައި ވަގުތު ކަމަށާއި، މިވަގުތަކީ "ހަމަޖެހި" ޑޮކްޓަރުންނަށް އިތުބާރުކުރަންވީ ވަގުތު ކަމަށެވެ. އަދި ޑޮކްޓަރުން ކުރާ މަސައްކަތްތައް ބަލައިގަތުމަށާއި ރައްޔިތުން ފަހަތައް ޖައްސާ ނުލާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. ބަލިން ރައްކާތެރި ވުމަށް، އާންމު ކަމެއްގެ ގޮތުގައި މީހުން ކުރަމުން އަންނަ، ކުޅުޖެހުން ހުއްޓާލަން ޖެހޭ ކަމަށާއި އިސްލާމް ދީނުގެ ރީތި އުސޫލުތަކަށް އަމަލު ކުރުމަށް ވެސް އިރުޝާދު ދެއްވާފައި ވެއެވެ.

މީގެ އިތުރުން ޑރ ނިޔާފް ވެސް ވަނީ ރައްޔިތުންނަށް ނަސޭހަތެއް ދެއްވަވާފައެވެ. އެގޮތުން ޑރ ނިޔާފް ވިދާޅުވެފައި ވަނީ އެކަކު އަނެކަކަށް އަޅާލުމަށާއި ދިވެހި ރައްޔިތަކަށް ވިއަސް އަދި ބިދޭސީއަކަށް ވިއަސް ހަމަކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދެއްވާފައި ވެއެވެ. އެގޮތުން އަގުބޮޑެތި "މޮޅު" ސައިބޯނިން އަތް ދޮވުމުގެ ބަދަލުގައި އަގުހެޔޮ އެއްޗެހި ބޭނުން ކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމުން އެ ކަމުގެ މައުލޫމާތުތަށް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނެސްދެއްވި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ ފައިސަލަކީވެސް މީގެ ތެރޭގައި ފާހަގަ ކޮށްލެވޭ ޑޮކްޓަރެކެވެ. ކޮވިޑް 19 އަށް ވެސް ޑރ ފައިސަލް ވަނީ އާންމުންނަށް އަގުހުރި މައުލޫމާތު ތެކެއް ފޯރުކޮށް ދެއްވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް، ކޮރޯނާގެ ނުރައްކާ ބޮޑުކަން ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަ ކުރުމާ ގުޅިގެން ޑރ ފައިސަލް ވަނީ މެސެޖެއް ދެއްވާފައެވެ. "ރިހޭ ފައިމައްޗަށް ފޮއި ވެއްޓުމުގެ ކުރިން" ބުއްދިވެރި ގޮތަކީ ދިފާއީ ނިޒާމް ވަރުގަދަ ކުރުން ކަމަށާއި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލައި، ވެކްސިން ޖެހުމާއި ރަނގަޅު ކާނާއާއި ކަސްރަތަކީ މުހިންމު އެއްޗެއް ކަމަށާއި އެހެން މީހުންގެ ރައްކަލަށްވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ހަލުވިކަމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅޭ ކަންކަމުގެ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާ ހިއްސާ ކުރުމާއި، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކަމާބެހޭ އިދާރާތަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން ކޮވިޑް 19 އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ސްޕޯކްސަޕާސަނެއްގެ ގޮތުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން އޭނާ ހަމަޖެއްސީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަސްގެ ހާލަތުގައި ހާމަ ކުރަންޖެހޭ މައުލޫމާތު ހާމަ ކުރެއްވުމަށެވެ.