ކޮވިޑް19 އަށް ޝައްކުކުރެވިގެން ސަމާ އައިލެންޑު ރިސޯޓުން ކަރަންޓީންކުރި އެންމެންވެސް އެ ވައިރަހަށް ނެގެޓިވް ކަމަށް ނެގެޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން ސަމާ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުންވެސްވަނީ ކޯވިޑް19 އަށް ނެގަޓިވް ވެފއިކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާއާއި ވިދިގެން، ސަމާ އައިލަންޑް ރިސޯޓަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ސަމާ އައިލެންޑުން ކަރަންޓީންކުރި މީހުން ނެގެޓިވްވިއިރު، ކުރެއްދޫއިން ކަރަންޓީންކރުި ދެ މީހުންވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އެރަށް މިހާރު އޮތީ އަރާ ފޭބުން މަނާ ކޮށްފައެވެ. ރާއްޖޭގެ ހާލަތު ޔެލޯ އެލާޓޫގައި އޮތް އިރު ކުރެއްދޫގެ ހާލަތު އޮތޯ އޮރެންޖު އެލާޓުގައެވެ. ވ. ތިނަދޫއިން ކަރަންޓީން ކުރި މީހާވެސް ކޮވިށް19 އަށް ވަނީ ނެގެޓިވް ވެފައެވެ. އަދި އެރަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ.

ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއެއްގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދާ އިންޑިއާގެ ޑޮކްޓަރު ވެސް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސްފައި ވަނީ މިއަދު ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައި ވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފްރާންސްގެ ދެ ފަތުރުވެރިންގެ ފަރާތުން ކަމަށެވެ. ނަމަވެސް އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޓޫރިސްޓުންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ފަރާތުން ވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި ޝައްކުވެގެން ބަލަމުން އަންނަ ޑޮކްޓަރަކީ އުމުރުން 33 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް އަށް ޝައްކު ކުރެވޭ ފްރާންސްގެ ދެ ފަތުރުވެރިންނަކީ އުމުރުން 20 އަހަރާ 30 އަހަރާ ދެމެދުގެ ދެމީހުން ކަމަށެވެ. އެ ދެމީހުން ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށާއި އެ ދެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރިސޯޓަށް ދަތުރުކޮށްފައި ވަނީ ލޯންޗުގައި ކަމަށާއި، އިތުރު އެހެން ތަނަކަށް ގޮސްފައި ނުވާކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.

އެ ދެމީހުން ހުން އައިސްގެން މި މަހުގެ ފަސް ވަނަ ދުވަހު ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެ ރިސޯޓުގެ ފަރާތުން އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ދެ ފަތުރުވެރިން އެމީހުންގެ ކޮޓަރީގައި ކަރަންޓީނު ކުރި ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފަތުރުވެރިން ބެލި ޑޮކްޓަރު ވެސް ކެއްސާ ނޭވާލާން އުނދަގޫވާކަމަށް ރިޕޯޓުކުރުމުން އެކަން އެޗްޕީއޭއަށް އަންގައި، ޑޮކްޓަރުވެސް އޭނާގެ ކޮޓަރީގައި ކަރަންޓީނުކުރި ކަމަށާއި އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން ތިން މުވައްޒަފުން ވެސް ކުޑަކޮށް ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ރިސޯޓުން މިއަދު ވަނީ ބުނެފައެވެ.

ސަމާ އައިލެންޑުން ބުނެފައި ވަނީ އެ ރިސޯޓަށް ރިޒަވޭޝަން ހެދުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އެހެން ރިސޯޓުގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެ ރިސޯޓަށް އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮސިޓިވްވި މިއީ ފުރަތަމަ ކޭސްއެވެ.