އަރިއަތޮޅު އުތުރުބުރީ ބަތަލާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓަކު، ކޮރޯނާ ވައިރަހަށް ޝައްކުވެގެން ކަރަންޓީނު ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ކޮރޯނާ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭނާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ރިސޯޓް މިހާރު ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް، ލޮކްޑައުން ކޮށްފައި ކަމަށެވެ. އަދި ކޮރޯނާ ވައިރަހަށް ރާއްޖޭގައި މިހާރު ޓެސްޓް ކުރެވޭއިރު މިހާތަނަށް 33 މީހަކު ޓެސްޓް ކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް ރޭ ވަނީ ކޮރޯނާގެ ޓާސްކް ފޯސްއިން ނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮސިޓިވްވި މިއީ ފުރަތަމަ ކޭސްއެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދު ފެނިގެން ދިޔައީ ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ދެކޭސް ކަމަށެވެ.

އެގޮތުން ޕޮޒިޓިވް ވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު ދެ މުވައްޒަފުން ކަމަށާއި އެއީ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރާ ދެމީހުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަމަށާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ޓާސްކް ފޯސްއިން ތައްޔާރުކޮށްފައިވާ އެސްއޯޕީސްތައް މިހާރުން ފެށިގެން އެކްޓިވް ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.