ސަމާ އައިލެންޑް ރިސޯޓުގެ 4 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ސަމާ އައިލެންޑް ރިސޯޓުން މިހާރު ހަތަރު މީހަކު ޓެސްޓް ކުރެވެމުން ދާކަމަށާއި މިހާރު ދެ ސާމްޕަލެއް ޓެއްސްޓު ކުރެވިފައިވާ ކަމާށެވެ. އަދި އެ ޓެސްޓް ކުރެވިފައިވާ ދެ މީހުން ވަނީ އައިސޮލެޝަންގައި ކަމަށެވެ.
ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއެއްގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދާ އިންޑިއާގެ ޑޮކްޓަރު ވެސް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސްފައި ވަނީ މިއަދު ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައި ވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފްރާންސްގެ ދެ ފަތުރުވެރިންގެ ފަރާތުން ކަމަށެވެ. ނަމަވެސް އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ޓޫރިސްޓުންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ފަރާތުން ވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި ޝައްކުވެގެން ބަލަމުން އަންނަ ޑޮކްޓަރަކީ އުމުރުން 33 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް އަށް ޝައްކު ކުރެވޭ ފްރާންސްގެ ދެ ފަތުރުވެރިންނަކީ އުމުރުން 20 އަހަރާ 30 އަހަރާ ދެމެދުގެ ދެމީހުން ކަމަށެވެ. އެ ދެމީހުން ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށާއި އެ ދެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރިސޯޓަށް ދަތުރުކޮށްފައި ވަނީ ލޯންޗުގައި ކަމަށާއި، އިތުރު އެހެން ތަނަކަށް ގޮސްފައި ނުވާކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.
އެ ދެމީހުން ހުން އައިސްގެން މި މަހުގެ ފަސް ވަނަ ދުވަހު ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެ ރިސޯޓުގެ ފަރާތުން އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ދެ ފަތުރުވެރިން އެމީހުންގެ ކޮޓަރީގައި ކަރަންޓީނު ކުރި ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފަތުރުވެރިން ބެލި ޑޮކްޓަރު ވެސް ކެއްސާ ނޭވާލާން އުނދަގޫވާކަމަށް ރިޕޯޓުކުރުމުން އެކަން އެޗްޕީއޭއަށް އަންގައި، ޑޮކްޓަރުވެސް އޭނާގެ ކޮޓަރީގައި ކަރަންޓީނުކުރި ކަމަށާއި އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން ތިން މުވައްޒަފުން ވެސް ކުޑަކޮށް ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ރިސޯޓުން މިއަދު ވަނީ ބުނެފައެވެ.
ސަމާ އައިލެންޑުން ބުނެފައި ވަނީ އެ ރިސޯޓަށް ރިޒަވޭޝަން ހެދުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އެހެން ރިސޯޓުގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެ ރިސޯޓަށް އަރާ ފޭބުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް 2 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް މިރޭ ކޮރޯނާގެ ޓާސްކް ފޯސްއިން ވަނީ ބުނެފައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮސިޓިވްވި މިއީ ފުރަތަމަ ކޭސްއެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދު ފެނިގެން ދިޔައީ ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ދެކޭސް ކަމަށެވެ. އެގޮތުން ޕޮޒިޓިވް ވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބޭރު މުވައްޒަފުން ކަމަށާއި އެއީ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރާ ދެމީހުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަމަށާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ޓާސްކް ފޯސްއިން ތައްޔާރުކޮށްފައިވާ އެސްއޯޕީސްތައް މިހާރުން ފެށިގެން އެކްޓިވް ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.