ތިނަދޫން ކަރަންޓީން ކުރި މީހާ ނެގެޓިވް ވުމާ ގުޅިގެން ރަށަށް އަރާ ބޭފުން ހުޅުވަލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ޓެސްޓްގެ ނަތީޖާތައް ދައްކާގޮތުން ނެގަޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ ކަމަށް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން، ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިން" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވ. ތިނަދޫއަށް އަރާ ފޭބުން މެދު ކަނޑާލާފައިވާ ކަމަށް އެޗްޕީއޭއިން އާންމު ކުރީ ރޭގެ ވަގުތެއްގައެވެ. އެރަށަށް އަރާ ފޭބުން މެދުކަނޑާލީ، ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ފަތުރުވެރިއަކު ފެނުމާ ގުޅިގެންނެވެ. އެއީ ވ. ތިނަދޫގައި ޗުއްޓި ހޭދަ ކުރަން ރާއްޖެ އައި އިޓަލީގެ ފަތުރުވެރިއެކެވެ. ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލަމާތްތައް ފެނުމުގެ ސަބަބުން އޭނާ ވަނީ ކަރަންޓީނު ކޮށް، ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ފަރުކޮޅުފުށީގައި މިހާރު 6 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށާއި ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރޭގައި ޑޮކްޓަރަކުވެސް ހިމެނޭ ކަމަށެވެ. މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ، ދިވެހި އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން އިޓަލީގެ ތިން މީހަކާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެކެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ، މި މީހުންނަކީ ތިނަދޫއާއި ކުރެއްދޫން ގެންދިޔަ މީހުން ކަމަށެވެ.

މިހާތަނަށް އައި އިރު ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބަޔަކު ޓެސްޓުކޮށްފައި ވާއިރު ރާއްޖޭގައި މިބައްޔަށް ޕޮސިޓިވް ވެފައިވާ ފަރާތެއް ފެނިފައެއް ނުވެއެވެ. ދުނިޔޭގައި ހަލުވިކޮށް ފެތިރެމުންދާ މިރޯގާއަށް މިހާތަނަށް 102050 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3494 އަށް އަރާފައެވެ.