އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރޭ މިންވަރު އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ސިއްހީ ބަލިމަޑުކަމުގެ އަސަރުތައް އިގުތިސޯދީ މަސްރަހުން ފެންނަން ފަށާފައިވާއިރު، އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ދަތުރުފަތުރުގެ ސިނާއަތަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 94 ގައުމަކަކާ ސަރަހައްދަކުން ކޮވިޑް-19ގެ އަސަރު ފެނިފައިވާއިރު ދަތުރުފަތުރުކުރުން މަޑުޖައްސާލާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ހަމަ މިއާއެކު އެއްގަމާ، ކަނޑާ ވައިގެ މަގުން ސަރަހައްދީ އިން ހުރަސްކުރުމުގައި ބަލާ މިންގަނޑުތައް ހަރުދަނާކޮށް، ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރާ ގައުމުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ކޮވިޑް-19އާ ގުޅިގެން ސަރަހައްދީ އިން ވަކި ބަޔަކަށް ބަންދުކުރުން އެދެވިގެން ނުވާކަމަށްވެސް ބުނެފައެވެ. ނަމަވެސް، އިޖާބަ ދިނުމުގެ ބަދަލުގައި ގިނަ ގައުމުތަކަކުން މިހާރު އިސްކަން ދެމުންދަނީ އެ ގައުމެއްގެ ރައްޔިތުންގެ ހިމާޔަތާ ރައްކާތެރިކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އީރާނަށް ފޯރުކޮށްދިން ސިއްހީ އެހީގެ އާލާތްތައް އީރާނުގެ ވައިގެ ބަނދަރަށް ބާލަނީ/ފޮޓޯ: ޑަބްލިއުއެޗްއޯ

ފަރުދީ ފެންވަރުގައި ކުރާ ދަތުރުތައް މަޑުޖައްސާލާފައިވާއިރު ބޮޑެތި ކުންފުނިތަކާ އިދާރާތަކުން ދަނީ ކޮންފަރެންސްތައް ކެންސަލްކުރަމުންނެވެ. ނުވަތަ އިވެންޓް އޮންނަ މަރުކަޒުތަކާ ތާރީޚުތައް ބަދަލު ކުރަމުންނެވެ. ކަންމިހެން އޮތްއިރު ބައިނަލްއަގުވާމީ އެއާލައިންތަކުން ދަނީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޗައިނާ، ދެކުނު ކޮރެޔާ، އިޓަލީވިލާތް އަދި އީރާނު ފަދަ ގައުމުތަކަށް ކުރާ ދަތުރުތައް މިވަގުތަށް މުޅިން ހުއްޓާލަމުންކަން ފާހަގަކުރަންޖެހެއެވެ.

ދަތުރު ފަސްކޮށް، ކެންސަލް ކުރުން

މިކަން އެންމެ އާންމުކޮށް ބަރޯސާވަނީ އެތަނެއްގެ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުގެ މައްޗަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ، ދޮށީ އުމުރުގެ މީހުންގެ ތެރެއިން މީގެ ކުރިންވެސް ސިއްހީ އެކި މައްސަލަތަކަށް ބޭސްކުރަމުން އަންނަ މީހުން މިދުވަސްވަރު އެއްވެސް ވަރަކަށް ދަތުރުފަތުރުކޮށް ނުއުޅުމަށް އިރުޝާދު ދީފައެވެ. އަދި ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ ސަރަހައްދުތަކަށް ނުދިއުމަށްވެސް އިރުޝާދު ދީފައެވެ. ކޮވިޑް-19ގެ އަސަރުކުރާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ބަލީގެ އަސަރު ކުރަނީ ކުޑަކޮށް ކަމުގައި ވީ ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ މީހުންނާ ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނަށް މި ރޯގާގައި ނުރައްކާ ބޮޑުކަން މިހާރު ވަނީ ސާބިތުވެފައެވެ.

ދޮށީ އުމުރުގެ އަންހެނަކު ޙައްޖުގެ އަޅުކަމަށް ދިއުމަށް ދަތުރުމަތީގައި/ފޮޓޯ: އިލްމްފީޑް

ޑަބްލިއު.އެޗް.އޯއިން ދަނީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގެ ލިސްޓު ދުވަހުން ދުވަހަށް އަދާހަމަކުރަމުންނެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު އޭޝިއާ ބައްރުން ފާހަގަކޮށްފައިވަނީ ޗައިނާ، ދެކުނު ކޮރެއާ، ޖަޕާނު، ސިންގަޕޫރު، މެލޭޝިއާ، ވިއެޓްނާމް، ތައިލޭންޑް އަދި އިންޑޮނޭޝިއާއެވެ. މިއީ ދިވެހިންވެސް މިހާރު އާންމުކޮށް ދަތުރުކުރަމުން އަންނަ މަންޒިލްތަކެކެވެ. ވިލާތު ބައްރުން ފާހަގަކޮށްފައިވަނީ އިޓަލީވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ސްޕެއިން، އިނގިރޭސިވިލާތް، ސުވިޓްޒަލަންޑް، ނޯވޭ، ނެދަލަންޑްސް، ސުވިޓްޒަލަންޑް، ކްރޮއޭޝިއާ، ޑެންމާކް، ފިންލަންޑް، ގްރީސް އަދި ރޯމޭނިއާއެވެ. މެދުއިރުމަތީ ސަރަހައްދުން ލިސްޓުގައި ހިމަނާފައިވަނީ އީރާނު، އެކުވެރި އަރަބި އިމާރާތް އަދި ލުބްނާންއެވެ. މީގެ އިތުރުން އެހެން ހިސާބުތަކުން މިލިސްޓުގައި ދެން ހިމެނޭ ގައުމުތަކަށް ބަލާއިރު އަލްޖަޒާއިރު އަދި އޮސްޓްރޭލިއާއާއި، ކެނެޑާ، އެމެރިކާ އަދި އިކުއެޑޯ ފާހަގަކުރަންޖެހެއެވެ.

ދަތުރުކުރުމުގައި ބަލަންވީ ކޮން ކަމަކަށް؟

ކޮވިޑް-19ގެ ރިސްކް ކެޓަގަރީގައި ނުހިމެނޭ މީހަކު ނަމަވެސް މިދުވަސްވަރު ދަތުރުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ކޮންމެހެން ކުރަންޖެހޭ ދަތުރު ފިޔަވާ އެހެން ހުރިހާ ދަތުރެއް މިވަގުތަށް ކެންސަލްކުރުމެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރި މީހަކު އެހެން ގައުމަކަށް ނުވަތަ ސަރަހައްދަކަށް ދަތުރުކުރާނަމަ އެ ތަނެއްގައި ސިއްހީ ހިދުމަތް ހަމަޖެހިފައި އޮތް ގޮތަކާ ހާލަތެއް ދުރާލާ ދިރާސާކޮށް ހޯދުން ބުއްދިވެރިއެވެ. އެ ތަނަކަށް ދެވުމުން ކަރަންޓީނުގައި 14 ދުވަހު މަޑުކުރަން ޖެހިދާނެ ކަމަށް ތައްޔާރުވެގެން ދަތުރަށް ފުރުން އެދެވިގެންވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއެއް/ފޮޓޯ: ސީއެން ޓްރެވެލާ

އަނެއްކަމަކީ އެންމެ ފަހު ވަގުތުވެސް ފްލައިޓް ދަތުރުތަކަށް ބަދަލު އައިސްދާނެ ކަމެވެ. ކޮވިޑް-19އާއި ގުޅިގެން ގިނަ ބަޔަކު ޓިކެޓްތައް ކެންސަލް ކުރަމުންދާއިރު، ޑިމާންޑް ދަށްވެ، ބައެއް އެއާލައިންތަކުން ދަނީ ފްލައިޓްތައް ގްރައުންޑްކުރަމުންނެވެ. އެހެންކަމުން މަންޒިލަށް ދެވުމަށްފަހު އެނބުރި ގައުމަށް ނާދެވި ދުވަސްތަކެއް ހޭދަވެދާނެ ކަމަށްވެސް ތައްޔާރީތަކެއް ވާންޖެހެއެވެ.

ދަތުރުފަތުރުކުރުމުގައި ފަރުދީ ޒިންމާ އުފުލުން

އިސްވެދެންނެވުނު ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހުގައިވެސް ދަތުރުކުރަން ނިންމައިފި މީހަކު އަމިއްލަ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުރިކަން ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ. އެގޮތުން ގިނަގިނައިން ރަނގަޅަށް އަތްދޮވުން، ކެއްސާ ކިނބިހިއަޅާ އާފުރި ހަދާއިރު އަނގަޔާ ނޭފަތް ނިވާކުރުން އަދި ކޮވިޑް-19ގެ އަލާމާތްތައް ކަމަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުންނާ ވީހާވެސް ދުރުގައި އުޅުން މުހިންމުކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާއަށް ދަތުރުކުރާ ފަސެންޖަރުން 2019-އެންކޯވް ރޯގާއަށް ސްކްރީން ކުރުމަށް މެލޭޝިއާއިންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ/ފޮޓޯ: އޭއެފްޕީ ފެކްޓްޗެކް

ބަލި ކޮންޓްރޯލްކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި އިނގިރޭސިވިލާތުގައި މަސައްކަތް ކުރަމުން އަންނަ ބަހާރަތު ޕަންކަހާނިއާ ބުނާ ގޮތުގައި ކޮންމެހެން ބޭރަށް ނިކުމެ އުޅެންޖެހިއްޖެ ހިނދެއްގައި އެހެން މީހުންނާ އަބަދުވެސް 2 މީޓަރެއްހާ ޖާގަ ދުރުގައި ހުރެވޭތޯ އަބަދުވެސް ބަލަންވާނެ ކަމަށެވެ. ފުރުސަތު އޮތް މިންވަރަކުން އެހެން މީހުންނާ ވީހާވެސް ދުރުގައި ހުރުން އެދެވިގެންވެއެވެ.

ދަތުރުމަތީގައި ހުންވައްތަރުވެ، ކެއްސާ ކިނބިހިއަޅާ، ނޭވާލާން އުނދަގޫވުންފަދަ ހާލަތަކަށް މީހާ ހިނގައްޖެނަމަ އެ ސަރަހައްދެއްގެ ސިއްހަތާ ބެހޭ އޮފިޝަލުންގެ ސަމާލުކަމަށް އެކަމެއް ގެންނާށެވެ. މިކަން ކުރަންވާނީ އަމިއްލައަށް ކަރަންޓީނުވެ ހުރެ، ފޯނު މެދުވެރިކޮށެވެ. ދެން އަޅަންވީ ފިޔަވަޅެއް އޮފިޝަލުން ތަފްސީލުކޮށްދެއްވާނެއެވެ. އަދި ތިމާގެ އަމިއްލަ ވަޒަނަށްވެސް އެކަން އެނގުން ބުއްދިވެރިއެވެ.