ސަމާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ކަރަންޓީން ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ، އެ ދެ ފަތުރުވެރިންވެސް ކަރަންޓީން ކޮށްފައި ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރުމުން ކަމަށާއި، އެދެމީހުންވެސް މޮނިޓާ ކޮށް ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދެމީހުންވެސް ރާއްޖެ އައިސްފައި ވަނީ ޗުއްޓީ ހޭދަކުރުމަށެވެ. އަދި މޮނީޓާ ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ފްރާންސުގެ 2 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީންކޮށް އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވާއިރު، ވ. ތިނަދޫއިންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އިޓަލީގެ ފަތުރުވެރިއަކު ފެނުމާ ގުޅިގެން، އެރަށަށްވެސް އަރާ ފޭބުންވަނީ މެދު ކަނޑާލާފައެވެ. އަދި މިހާރު އެރަށުގައި ސްކްރީން ކުރުން ދަނީ ކުރިއަށެވެ. އަދި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި ކުރެއްދޫގެ ޑޮކްޓަރަކުވެސް ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރި ކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މިރެއިން ފެށިގެން އިޓަލީން ފަތުރުވެރިން ގެނައުން މެދުކަނޑާލައި، ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް ވެސް މެދުކަނޑާލާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު ރާއްޖޭގައި މިވަގުތު އިޓަލީގެ ގިނަ އަދަދެއްގެ ފަތުރުވެރިން އެބަ ތިއްބެވެ. އަދި ހާއްސަކޮށް އިޓަލީގެ ފަތުރުވެރިން އަންނަ ރިސޯޓުތަކުގެ 70 ޕަސެންޓް އޮކިއުޕަންސީ މިހާރުވެސް އޮތްކަން ފާހަގަ ކުރެވެއެވެ.

އިޓަލީއަކީ ޗައިނާ ފިޔަވާ ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރޭ އެއް ގައުމެވެ. ވައިރަސް ފެނި އިޓަލީއާ ހަމައަށް ވައިރަސް ދަތުރު ކުރި ފަހުން އެގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައިވެއެވެ.

ރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިން އައުން މިރެއިން ފެށިގެން ހުއްޓުވާއިރު، ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކުވެސް ކޮވިޑް-19 އަށް ވަނީ ޕޮސިޓިވް ވެފައެވެ.