އަންހެނުންގެ ދުވަހާގުޅުވައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވިލިމާލޭގައި "ރަށްވެހި ފެސްޓިވަލް" ފަށައިފިއެވެ.

އަންނަ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ވިލިމާލޭގައި ކުރިއަށް ގެންދާ "އަންހެނުންގެ ރޫހުގެ ކޮންފަރެންސް" އާއި "ރަށްވެހި ފެސްޓިވަލް" ފަށާފައި ވަނީ މިއަދެވެ.

އެ ފެސްޓީވަލްގައި 9 ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު އޭގެތެރޭގައި "ޖަޒީރާ ތައުލީމު އެންމެންނަށް" ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ގާއިމުކުރާ ސްޓޯލްއަކާއި އާސަންދަ އަދި އެންސްޕާ ހިމެނޭގޮތަށް އޯގާތެރި ސަރުކާރާއި ބެހޭ މައުލޫމާތު ދިނުމަށް ސްޓޯލްއަކާއި ސިއްހަތާއި ބެހޭ މައުލޫމާތާއި ވެށި ފަހި މާލެ ހައުސިންގް، ޖަޒީރާ ދިރިއުޅުން، ނޫ އިގްތިސާދުގެ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ވަކިވަކި ސްޓޯލް ހިމެނެއެވެ. އަދި ވޯޓާ ސްޕޯޓްސް އާއި ކަނަބަލުންގެ އަޑަށް ހާއްސަ ސްޓޯލްތަކެއް ގާއިމްކޮށްފައިވާނެކަމަށް އެމްޑީޕީން ބުނެއެވެ.

އެ ފެސްޓިވަލްގައި އެމްޑީޕީގެ ހާއްސަ ސްޓޯލެއްގެ އިތުރުން އެޖެންޑާ 19ގެ އެންމެ ފަހުގެ މައުލޫމާތުގެ އިތުރުން ސަރުކާރުގެ މައުލޫމާތު ދިނުމުގެ އޯޕަން ޑިސްކަޝަންތައް ހިމެނެއެވެ. މީގެ އިތުރުން ހާއްސަ ކުޅިވަރުގެ ހަރަކާތްތަކާއި މިރޭ ލައިވް މިއުޒިކް ޝޯއެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އެ ފެސްޓިވަލް ގައި މަދަނީ ޖަމިއްޔާ ތަކުންނާއި ކައުންސިލް ގޮނިޑިތަކަށް ކުރިމަތި ލައިފައިވާ މީހުންނާއި، ޑަބްލިއުޑީސީ އަށް ކުރިމައްލާ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެ ކެމްޕޭން ހަރަކާތުގައި، އަންހެނުންނަށް ކައުންސިލް ތަކާއި ކޮމިޓީ ތަކުގައި އަދާކުރެވޭނެ މުހިއްމު ދައުރާއި ރަށަށް ނުވަތަ މުޖްތަމައަށް ގެނެވޭނެ ތަރައްޤީ އާއި އަދާކުރެވޭނެ ދައުރުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެއެވެ. ފެސްޓިވަލްގައި މައިގަނޑު ގޮތެއްގައި ހިންގަނީ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ތަމްރީންތަކާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ތަމްރީންތައް ކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީނޖް ބުނެއެވެ. އެ ސްޓޯލްތަކުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އެކިއެކި ބެފުޅުން މައުލޫމާތު ދެއްވާ ސުވާލުތަކަށް ޖަވާބުދެއްވާ އެކިއެކި ކަންކަން ސާފުކޮށްދެއްވާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.