ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އަޚެއްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޝާހީ އާއިލާގެ އިސް 3 މެމްބަރަކު ހައްޔަރުކޮށްފައިވާކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޝާހީ އާއިލާގެ އިސް މެމްބަރުންތަކެއް އަނެއްކާވެސް ހައްޔަރުކޮށްފައިވަނީ ސަބަބު ބަޔާން ކުރުމެއްވެސް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.
ހައްޔަރުކޮށްފައިވާ 3 މެމްބަރުންގެ ތެރެއިން 2 މެމްބަރަކީ ރަސްކަމުގެ ހަންދާނުގައި ނުފޫޒުގަދަ 2 ބޭފުޅެއް ކަމަށްވެސް ޚަބަރު ލިބެއެވެ.
މި 3 މެމްބަރުން ހައްޔަރު ކުރުމާ، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އާއި ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
2017 ވަނަ އަހަރުވެސް ސައުދީގެ ޝާހީ އާއިލާގެ މެމްބަރުންތަކެއްގެ އިތުރުން ވަޒީރުންނާ ބޮޑެތި ވިޔަފާރިވެރިންތަކެއްވެސް އެމްބީއެސްގެ އަމުރުފުޅަކަށް ވަނީ ހައްޔަރު ކުރެވިފައެވެ. އެފަހަރު އެ ހުރިހާ ބޭފުޅުންވެސް ބަންދުގައި ބޭތިއްބެވީ ރިޔާދުގެ ރިޓްޒް-ކާލްޓަން ހޮޓަލުގައެވެ.
އެމެރިކާގެ ދުވަހު ނޫސްތަކެއް ކަމަށް ނިއު ޔޯކް ޓައިމްސްއާއި ވޮޝިންގްޓަން ޕޯސްޓިންއިން ރިޕޯޓްކުރާ ގޮތުގައި ސައުދީގެ ޝާހީ އާއިލާގެ އިސް 3 މެމްބަރަކު ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ސަލްމާން ރަސްގެފާނުގެ ކޮއްކޯފުޅު އަމީރު އަހުމަދު ބިން ޢަބްދުލްޢަޒީޒު، ކުރީގެ ވަލީއަހުދު އަމީރު މުޙައްމަދު ބިން ނާއިފު އަދި ޝާހީ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަމީރު ނަވާފް ބިން ނާއިފުއެވެ.
އަމީރު މުޙައްމަދު ބިން ނާއިފުއަކީ 2017 ވަނަ އަހަރު އެމްބީއެސްގެ އޯޑަރަށް ހައްޔަރުކުރެވުނު ޝާހީ އޮފިޝަލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވި އަމީރެކެވެ. އޭރު އަމީރު މުޙައްމަދު ބިން ނާއިފު ހުންނެވީ ސައުދީގެ ދާހިލީ ވަޒީރު ކަމުގެ މަގާމުގައެވެ.
އެމްބީއެސްއަކީ ސައުދީއަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމުގެ މަޝްރޫއާއިއެކު 2016 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ސަމާލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. ނަމަވެސް، ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި 2018 ވަނަ އަހަރުން ފެށިގެން އެމްބީއެސްއަށް ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.