މޮނީކާ ލުވިންސްކީއާ ގުޅުން ބޭއްވެވީ އެންޒައިޓީ ނުވަތަ ހާސްކަމާ ނުތަނަވަސްކަމާ ކުރިމަތިލެއްވުމުގެ އުކުޅެއްގެ ގޮތުގައި ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެއްޖެއެވެ.
ބިލް ކްލިންޓަން މިކަން ހާމަކުރައްވާފައި ވަނީ، 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރެއްވި އެ ގައުމުގެ ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ރޯދާމް ކްލިންޓަންގެ އާންމު ހަޔާތްޕުޅާ ގުޅޭ ޑޮކިއުމަންޓްރީއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން 1998 ވަނަ އަހަރު ބިލް ކްލިންޓަން އަޒުލުކުރެވުނީވެސް، ލުވިންސްކީއާއި އޮތް ގުޅުމުގެ މައްސަލާގައި އިތުރުފުޅުހެއްދެވުމުންނެވެ. ކަންމިހެން އޮތް ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިންވަނީ ބިލް ކްލިންޓަންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފައެވެ.
މޮނިކާ ލުވިންސްކީއަކީ އެދުވަސްވަރު ވައިޓްހައުސްގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ، އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
"އަހަރެންނަށް ކުރެވުނީ ގޯސްކަމެއް. އެކަމަކު އެއީ ކަނޑައެޅިގެން ގޯސްކަމެއް ކުރަންވެގެން ކުރި ކަމެއް ނޫން" ހޫލޫގެ ޑޮކިއުމަންޓްރީއަށް ދިން ބަސްދީގަތުމުގައި ބިލް ކްލިންޓަން ވިދާޅުވިއެވެ.
ކޮންމެ މީހަކީވެސް ދިރިއުޅުމުގައު ބޮޑެތި ޕްރެޝަރުތަކަކާ، ހިތާމަތަކާ، ބިރާ އެނޫންވެސް އެފަދަ ކަންތައްތަކާ ކުރިމަތިލާންޖެހޭނެ މީހެއް ކަމަށާ، އެ ގުޅުމަކީ (ލުވިންސްކީގެ "ލޯބީގ" ކުޅިގަނޑަކީ) އެފަދަ ހާސްކަމާ ނުތަނަވަސްކަން މެނޭޖް ކުރުމުގެ ގޮތުން ހިންގެވި ގުޅުމެއް ކަމަށް ބިލް ކްލިންޓަން ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ބިލް ކްލިންޓަންއާއި މޮނިކާ ލުވިންސްކީގެ ގުޅުމުގެ ވާހަކައަކީ 1990ގެ އަހަރުތަކުގެ ފަހުކޮޅު، ބައިނަލްއަގުވާމީ މީޑިއާ ފަތަހަ ކުރި ވާހަކައެކެވެ. މޮނިކާ ލުވިންސްކީއާއިއެކު އިޝްގީ ޖަޒުބާތުގެ ޖިސްމާނީ ގުޅުންތަކެއް ނުހިންގަވާކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެފަދަ ކަންތައްތަކެއް ހިނގިކަމަށް ބިލް ކްލިންޓަންވަނީ ފަހުން އިއުތިރާފުވެވަޑައިގެންފައެވެ.
މޮނިކާ ލުވިންސްކީ ބުނާ ގޮތުގައި އެ ގުޅުމަކީ އޭނާގެވެސް ރުހުމުގައި ހިންގުނު ގުޅުމެކެވެ. ނަމަވެސް އެއީ ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބިލް ކްލިންޓަން ހިންގެވި ގުޅުމެއްގެ ގޮތުގައިވެސް މޮނިކާ ލުވިންސްކީ ވަނީ އެގުޅުން ސިފަކޮށްފައެވެ. މަގާމުގެ ނާޖާއިޒު ބޭނުން ކުރެއްވި ކަމަށް މޮނިކާ ލުވިންސްކީ ބުނަމުންދަނީ، އެ ގުޅުމުގެ ވާހަކަތަށް މީޑިއާ ތިލަވެ ތަހުގީގުތައް ހިންގަން ފެށުނު ހިސާބުން ހުރިހާ ކަމެއްގެ ޒިންމާ ޚުދު ލުވިންސްކީއާއި ދިމާލަށް އަނބުރާލުމުންނެވެ.
ބިލް ކްލިންޓަންއާއިއެކު ގުޅުން ބޭއްވުމުގެ ނަތީޖާ އަންނާނީ ކިހިނެއްކަން އޭރު ފަހުމް ނުވާކަމަށާ، ނަމަވެސް އެ ގުޅުމާ މެދު މިހާރު ކޮންމެ ދުވަހަކުވެސް ހިތާމަ ކުރާކަމަށް މޮނިކާ ލުވިންސްކީ ވަނީ ބުނެފައެވެ.
ބިލް ކްލިންޓަންވެސް ވަނީ، މޮނިކާ ލުވިންސްކީގެ ދިރިއުޅުމުގައި އެ ގުޅުމުގެ ސަބަބުން ޖެހިފައިވާ ސިއްކަ ބަދަލުވާން ނެތަތީ އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އާދައިގެ ދިރިއުޅެއްގައި މޮނިކާ ލުވިންސްކީ އުޅެން މަސައްކަތް ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް މޮނިކާ ލުވިންސްކީގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް މާނަކުރެވިގެން އަންނީ އެ ގުޅުމުގެ ތެރެއިންކަން ބިލް ކްލިންޓަން ވަނީ ފާހަގަކުރައްވާފައެވެ.
ބިލް ކްލިންޓަންގެ އަނބިކަނބަލުން އަދި އެމެރިކާގެ ސިޔާސީ މައިދާން ދުށް އެންމެ ވަރުގަދަ އަންހެން ޝަހްސުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ހިލަރީ ކްލިންޓަން ވިދާޅުވީ އެ ގުޅުމުގެ ވާހަކަ އެނގިވަޑައިގެންނެވި ހިސާބުން ބިލް ކްލިންޓަންއާއި އެއްވެސް ވަރެއްގެ ގުޅުމެއް ބާއްވަން ބޭނުންނުވި ކަމަށެވެ.
އެ ގުޅުމުގެ ވާހަކަ މީޑިއާއަށް ތިލަވެގެންދާއިރު، ދަރިފުޅު ޗެލްސީ ގާތު އެ ވާހަކަ ބުނަންޖެހޭނެ މީހަކީ ބިލް ކްލިންޓަން ކަމަށް ހިލަރީ ވަނީ ބިލްއަށް އަންގަވާފައެވެ. ބިލް ކްލިންޓަންވަނީ އެވާހަކަތައް ދަރިފުޅާ ހިއްސާކުރެއްވިއިރު ކުރެއްވުނު އިހުސާސްތައްވެސް ޑޮކިއުމަންޓްރީގައި ހިއްސާކުރައްވާފައެވެ.