ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 197އަށް އަރައިފިއެވެ.
24 ގަޑިއިރުގެ ތެރޭގައި 49 މީހަކު މި ބަލީގައި މަރުވިކަމަށް އިޓަލީވިލާތުގެ އޮފިޝަލުން ރިޕޯޓްކޮށްފައި ވާއިރު، މިއީ ކޮވިޑް-19 ޖެހިގެން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން އިޓަލީވިލާތުން ރިޕޯޓްކުރި ދުވަސްވެސްމެއެވެ. މިއާއެކު އިޓަލީވިލާތް ވެފައިވަނީ، ކޮވިޑް-19 ޖެހިގެން ޗައިނާއިން ބޭރުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމަށެވެ.
އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިހާރު ވަނީ 4600އަށްވުރެ މައްޗަށް އަރާފައެވެ.
އިޓަލީވިލާތުން ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އެވަރޭޖް އުމުރަކީ 81 އަހަރެވެ. އިޓަލީވިލާތުގެ ނޭޝަނަލް ހެލްތް އިންސްޓިޓިއުޓްއިން މައުލޫމާތު ދޭ ގޮތުގައި މީގެ ތެރެއިން ގިނަ މީހުންނަކީ ވައިރަހުގެ އަސަރު ކުރިއިރުވެސް ސިއްހީ އެކި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނެވެ. މަރުވި މީހުންގެ 72 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ.
ވިލާތުގެ އެކި ހިސާބުތަކާ، އުތުރު އެފްރިކާއާއި އެމެރިކާ ބައްރުގެ ހިސާބުތަކަށްވެސް ކޮވިޑް-19 ފެތުރިފައިވާއިރު، މި ގައުމުތަކުންވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އިޓަލީވިލާތުގެ ރައްޔިތުން ނުވަތަ އިޓަލީވިލާތަށް ދަތުރުކޮށްފައިވާ މީހުން ހިމެނެއެވެ.
ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރިދިޔަ އިޓަލީވިލާތުގެ ރައްޔިތަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެމީހާ ވަނީ އަންގާފައެވެ. ކަންމިހެން އޮތްއިރު، މިރޭ 23:59 އިން ފެށިގެން އިޓަލީވިލާތުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވާނެ ކަމަށް ކޮވިޑް ޓާސްކްފޯސްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން، ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް ވެސް މެދުކަނޑާލާނެކަން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަހީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 94 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިގެން ރިޕޯޓްކޮށްފައިވާއިރު، މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100000އަށްވުރެ މައްޗަށް އަރާފައިވާކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.