ކޮރޯނާވައިރަސް އާ ގުޅިގެން ފަރުކޮޅުފުށީގައި މިހާރު 6 މީހަކު ކަރަންޓީނު ކޮށްފައި ވާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުން ބުނެފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރޭގައި ޑޮކްޓަރަކުވެސް ހިމެނޭ ކަމަށެވެ.

މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ، ދިވެހި އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން އިޓަލީގެ ތިން މީހަކާއި ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެކެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި މީހުންނަކީ ތިނަދޫއާއި ކުރެއްދޫން ގެންދިޔަ މީހުން ކަމަށެވެ. އަދި މާދަމާ އެމީހުންގެ ޓެސްޓުގެ ނަތީޖަ ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮރޯނާވައިރަސް އަށް ކުރާ ޓެސްޓުގެ ނަތީޖާ ސާމްޕަލް މެޝިނަށް ލާތާ 6 ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭނެ ކަމަށެވެ.

ވ. ތިނަދުއާއި ޅ. ކުރެއްދޫ ބަޔަކު ކަރަންޓީން ކުރީ، އެ ދެ ރަށުގެ ތެރެއިން ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި އިތުރު ބަޔަކު ބަލަނީ، ކުރެއްދޫއިން އިތުރު ބައެއްގެ ކިބައިން އަލާމާތްތައް ފެނުމުން ކަމަށް އަމީން ވިދާޅުވިއެވެ.

ވ. ތިނަދޫއަށް އަރާ ފޭބުން މަނާ ކުރީ، އެރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުވާ ކަންތައްތައް ފެނުމާ ގުޅިގެންނެވެ.

ރާއްޖޭގައި ފަރުކޮޅުފުށީގެ އިތުރުން ކ. ވިލިވަރުގައިވެސް ކަރަންޓީނު ފެސިލިޓީއެއް ވަނީ ގާއިމު ކޮށްފައެވެ.