ވ. ތިނަދޫއަށް އަރާ ފޭބުން މެދު ކަނޑާލައިފިއެވެ. އެރަށަށް އަރާ ފޭބުން މެދުކަނޑާލީ، ކޮރޯނާ ވަހިރަކަށް ޝައްކުކުރެވޭ ފަތުރުވެރިއަކު ފެނުމާ ގުޅިގެންނެވެ. މިހާރު އެރަށުގައި ސްކްރީން ކުރުން ދަނީ ކުރިއަށެވެ.

ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ރާއްޖެ އައީ އިޓަލީގެ ފަތުރުވެރިއެކެވެ. އޭނާ ކަރަންޓީނު ކޮށް، ފަރުކޮޅުފުއްޓަށް ގެންގޮސްފައިވަނީ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލަމާތްތައް ފެނިގެންނެވެ.

ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ގިނަ ގައުމެކެވެ. އިޓަލީން ކޮރޯނާވައިރަސް ފެނުނު ފަހުންވެސް ރާއްޖެއަށް އެތައް ފްލައިޓެއް އައިސްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗިލީއަށް ދިޔަ މީހަކުވެސް ކޮވިޑް-19 އަށް ވަނީ ޕޮސިޓިވް ވެފައެވެ.

ރާއްޖޭގައި ކޮރޯނާވައިރަސްއާ ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުން ބުނަނީ، ރާއްޖޭގައި ޕޮޒިޓިވް މީހެއް ނެތް ކަމަށެވެ. ނަމަވެސް މޮނިޓާ ކުރުމަށްޓަކައި 6 މީހަކު ކަރަންޓީން ފެސިލިޓީގައި އެބަތިބި ކަމަށް ޓާސްކްފޯހުން ބުނެއެވެ. ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން އިޓަލީ 3 މީހުނާއި ޅ. ކުރެއްދޫގެ ޑޮކްޓަރަކު ހިމެނެއެވެ.