މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީގައި އުފަންވި ކޮރޯނާ ވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ދަނީ އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރުމުންނެވެ. މި ބައްޔަށް މިހާތަނަށް 1 ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، މިބަލީގައި 3400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ސަލާމަތީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ރާއްޖެއިން ވެސް ވަނީ މި ބަލިން ރައްކާތެރިވުމަށް އެތައް ފިޔަވަޅެއް އަޅާފައެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރަކީ ކޮވިޑް-19 ގަދައަށް ފެތުރެމުންދާ ދުވަސްވަރަކަށް ވީއިރު، މިއީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ވެސް ބޯމަތިވެފައިވާ ދަނޑިވަޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 983 ކެންޑިޑޭޓުން މި އިންތިހާބަށް ވާދަކުރާއިރު، މި ދުވަސްވަރަކީ ހުރިހާ ޕާޓީއެއްގެ ވެސް ކެމްޕޭނު ފަށާ، ޕާޓީގެ ވެރިން ރަށްތަކަށް ދަތުރު ފަށާފައިވާ ދުވަސްރެކެވެ.

ކެމްޕޭނަށް ދަތުރުކުރާ ކޮންމެ ރަށަކުން ވެސް ޕާޓީގެ އިސްވެރިންނަށް މަރުހަބާ ކިއުމަށް ވަފުދުތައް ބަނދަރުމައްޗަށް ނުވަތަ އެއާޕޯޓަށް އެއްވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނެއެވެ. އެ ރަށެއްގައި ކެމްޕޭނު ޖަލްސާތައް ބޭއްވުމުގެ ކުރިން، ޕާޓީގެ މެންބަރުން އެއްވެ، އެކަކު އަނެކަކާއި ސަލާންގަލާންކޮށް، ދޮރުންދޮރަށް ހިނގުމަކީ އޮންނަ ކަމެކެވެ. މިފަދައިން ކެމްޕޭނު ދަތުރުތައް ކުރާއިރު، ތިމާމީހާ އަތްދޮވެ، ސާފުތާހިރު ކަންމަތީ ހުއްޓަސް، ރަށްރަށުގައި މަރުހަބާ ކިޔުމަށް ސަފުހަދާލާފައިވާ މީހުންގެ ތެރެއިން އެންމެ މީހަކުގެ އަތުގައި ވެސް ޖަރާސީމެއް ހުރިނަމަ، އެ ޖަރާސީމު ދެން ތިބި މީހުން ގަޔަށް ނާރާނެ ގޮތެއް އޮންނާނެތޯއެވެ.

ކޮވިޑް-19 ފެތުރެމުން ދާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ބައްޔަށް ޝައްކު ކުރެވޭ މީހުން ދަނީ ފެންނަމުންނެވެ. ރާއްޖެއަކީ ފަތުރުވެރިން ގިނައިން ޒިޔާރަތް ކުރާ ގައުމަކަށް ވެފައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރިސޯޓްތަކާއި ގެސްޓްހައުސްތައް ގާއިމްކޮށްފައި ވެއެވެ. މިފަދައިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ގައިގައި މި ބަލި ހުރެ، އޭނާ ދެނެނުގަނެވި ހުރުމަކީ ވެސް ގާތް ކަމެކެވެ. އޭގެ މީހަކުގެ ކިބައިން މި ބަލި ފެތުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރުމުގެ ސަބަބުން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. އެއްވުންތައް ނުބޭއްވުމަށް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލާފައި، ހަމަ އެ ދަރިވަރުން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރި ކުރުމަކީ ކޮންގޮތަކުން ދެކޮޅު ޖެހޭ ކަމެއްތޯއެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކަށް ކުދިން ނުފޮނުވާ، ގޭގައި އުޅޭ އެހެން މީހުން ކެމްޕޭނު ހަރަކާތްތަކުގައި ގިނަމީހުން އެއްވާ އެއްވުންތަކަށް ދިއުމަކީ، ބަލިތަކުން ރައްކާތެރިވުންތޯއެވެ.

ތެދެކެވެ. ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އޮންނަ ގޮތަކީ އެމީހަކު ކަރަންޓީނު ކުރުމެވެ. ނަމަވެސް އެއީ އެމީހެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނިއްޖެނަމައެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ 14 ތެރޭގައެވެ. ބަލީގެ އަލާމާތްތައް ނުފެންނަ، ނަމަވެސް މި ބަލި ހުރި މީހަކު ގިނަ މީހުން އެއްވާ އެއްވުންތަކުގައި ބައިވެރިވާނަމަ ބަލި ފެތުރޭނެއެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭނު ހަރަކާތްތަކުގެ ސަބަބުން ވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. ކެމްޕޭނު ހަރަކާތްތަކާއި އެއްވެ އުޅުންތައް ހުއްޓާލާނީ މިފަދަ ކަމެއް ދިމާވެ، ރާއްޖޭގައި ވެސް މިބަލި ފެތުރިއްޖެ ހާލަތެއްގައިތޯ ސުވާލު ނުއުފެދޭ މީހަކު މަދުވާނެއެވެ. މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު އެއްވެސް ގައުމަކުން މިހާނަށް ބަލިން ރައްކާތެރިވުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިފައެއް ނެތެވެ. ބަލި އިތުރަށް ފެތުރުމުގެ ބިރު އަދިވެސް އެބަ އޮތެވެ. ކަން މިހެން އޮތް އިރު، ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ހުރިހާ ފިޔަވަޅެއް އެޅިފައިވާ ކަމަށް ބެލުމަކީ ގޯހަކަށް ނުވާނެތޯއެވެ.

ކެމްޕޭނު ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގައި ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑުއިރު، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަކީ ވެސް މިކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ. ވަރަށް މުހިންމު ފިޔަވަޅެކެވެ. ދުނިޔޭގެ ހާލަތު މިހާރު އޮތް މިންވަރާއި، ރާއްޖެއަށް މިބަލީގެ ނުރައްކާތެރިކަން އޮތް މިންވަރަށް ރިއާޔަތްކޮށް، ލޯކަލް ކައުންސިލް އިންތިހާބުވެސް ފަސްކުރަން ޖެހެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ. ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ވުރެ، އެ ބަލިން ރައްކާތެރިތެރިވުމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކުރުމަކީ ބުއްދިވެރިގޮތެވެ. ބުއްދިވެރި ގޮތް އިހްތިޔާރުކޮށް، ކެމްޕޭނު ދަތުރުތަކާއި އާންމު އެއްވުންތައް ހުއްޓާލާށެވެ. އިންތިހާބު ވެސް ފަސް ކުރާށެވެ.