ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ރާއްޖެ އައި އިޓަލީގެ ފަތުރުވެރިޔަކު ކަރަންޓީނުކޮށްފިއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އޭނާ މޮނިޓާ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން މިހެން ބުނެފައި ވާއިރު، ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އިއްޔެ ހަވީރުގެ ވަގުތެއްގައި ދިވެއްސަކު ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުުރުމަށާއި މޮނިޓާ ކުރުމަށް އެކަހެރި ކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުމުން، އެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަށް ދަތުރުކޮށްފައިވާ މީހަކު އެމެރިކާގެ ޗިލީން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ، އެއީ ކާކު ކަމާއި، ރާއްޖޭގައި އޭނާ އުޅެފައިވާ ތަންތަން ދެނެގަތުމަށް މޮނިޓާ ކުރަމުން ގެންދާ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، މި މައުލޫމާތާއެކު، އެތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހަކު ހުރިތޯ ބަލާ މޮނިޓާ ކުރާނެ ކަމާށެވެ.

އެޗްޕީއޭން ބުނީ، ކޮވިޑް-19 އާ ގުޅިގެން މީހަކު އެކަހެރި ކޮށްފިނަމަ، އޭނާ ދިރިއުޅޭ ގޭގެ މީހުންނާއި، އޭނާއާ އެކު ވަގުތު ހޭދަކުރި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.