ރަށެއްގައި ބައްޔެއް އުޅުނޭ ކިޔާފަ އެރަށެއް ކަރަންޓީނު ކުރަން އުޅުމަކީ ބުއްދިވެރި ގޮތެއް ކަމުގައެއް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީން ބާއްވާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފައްޓަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، އެމަނިކުފާނު މިހެން ވިދާޅުވީ، ކޮރޯނާ ވައިރަހާ ގުޅިގެން އެއްވެއުޅުން މަދު ކުރުމަށް ސިއްހީ މާހިރުން ލަފާދީފައި ވަނިކޮށް، ކެމްޕޭން ހިންގުމަކީ އެންމެ ރައްކާތެރި ގޮތްތޯ އަހާ ނޫސްވެރިއަކު ކުރި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސިއްހީ މާހިރުންގެ ތެރެއިން އެންމެ ބޮޑަށް ބަރޯސާވަނީ ޑަބްލިއުއެޗްއޯން ދޭ ބަޔާންތަކަށް ކަމަށެވެ. އެގޮތުން، ޑަބްލިއުއެޗްއޯގެ އެންމެ ބޮޑު ބާރުއެޅުމަކީ، އަބަދުވެސް ސާފުތާހިރުކަންމަތީ ތިބެ، އަތްދޮވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ހުރިހާ ސިއްހީ މާހިރުން ވެސް ލަފާ ދެނީ ސަލާން ކުރާއިރުވެސް އަތޮދޮވެގެން ތިބުމަށް ކަމަށެވެ. އަދި މި ބަލި ޖެހިފައިވާ މީހަކު ފާހަގަ ވެއްޖެނަމަ އެ މީހަކު ޖެހެނީ ކަރަންޓީނުކޮށްފައި ބަހައްޓަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކޮވިޑް-19 ފެތުރުނަސް ދުނިޔެ ހުއްޓައެއް ނުލެވޭނެ ކަމަށާއި ރާއްޖެއެއްވެސް ހުއްޓައެއް ނުލެވޭނެ ކަމަށެވެ. އަދި ބިރުވެރިކަމެއްގެ ތެރެއަށް ގޮސް، ހުން ނާންނަނީސް ރަޖާ އަޅާ އުސޫލަށް ބަދަލުވާން ފަށައިފިނަމަ، ދުނިޔޭގެ އިގްތިސޯދު ވެސް ހުއްޓޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އިގްތިސޯދު ހުއްޓުމުން، އަދި ކޮވިޑް-19 ނުޖެހުނަސް، ދިމާވާނެ އެހެން ބަލިތަކާއި އެހެން ރޯގާ ތަކާއި، އެހެން އުނދަގޫތައް މާގިނަ ވާނެ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ދަތުރުފަތުރު ކުރުން ހުއްޓުވަން އުޅެގެން ނުވާނެ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ތިބެންވީ ސާފުތާހިރު ކަންމަތީގައި ކަމަށާއި، ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރެއްޖެނަމަ، އެމީހަކު ކަރަންޓީނު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.