ނިއުކްލިއާ މަޝްރޫއުގެ ހަރަކާތްތައް ސިއްރިއްޔާތުގައި ކުރިއަށް ގެންދިއުމަށް އީރާނުން މަސައްކަތްކޮށްފައިވާކަމަށާ، ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމަށް ޓަނަލެއް އަޅަމުންދާކަމަށް ބުނާ ލިޔެކިއުންތަކެއް ހާމަވެއްޖެއެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅޭ ގޮތުން މީގެ ކުރިން އެނގިފައި ނުވާ ގިނަ ވާހަކަތަކެއް ހިމެނޭ ލިޔުންތައް އާންމުވުމާއެކު، އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބޮޑެތި އޮޅުވާލުންތަކެއް ތިލަކުރި މި ލިޔެކިއުންތަކަކީ އީރާނުގެ އަރުޝީފުގައި ހުރި ސިއްރު ލިޔެކިއުންތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އީރާނާ ގުޅިގެން މިފަދަ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ އީރާނުން ކުރިއަށް ގެންދާ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަޝްރޫއުގެ ތެރެއިން ފައްކާކޮށްފައިވާ ޔޫރޭނިއަމް ގުދަން ކުރަމުންދާ ކަމަށާ، އީރާނުން އެކަން ކުރަނީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް ކަމަށް ބުނެ އެގައުމަށް ބޮޑެތި ފާޑުކިއުންތަކެއް ކެނޑިނޭޅި އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ކަންމިހެން އޮތްއިރު ބައިނަލްއަގުވާމީ މުޖުތަމައަށް އީރާނުން ދީފައިވާ އިތުބާރު ނަގާލިކަމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އީރާނު ޖަވާބުދާރީ ކުރުވުމަށް، އީރާނުގެ އެންމެ ވަރުގަދަ އެއް އަދުއްވުގެ ގޮތުގައި އޮތް އެމެރިކާއިންވަނީ ގޮވާލާފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަނީ ވަކިވެފައެވެ. މިއާ ގުޅިގެން އީރާނުން ދަނީ އެގައުމުންވެސް މި އެއްބަސްވުން ދޫކޮށްލަފާނެ ކަމުގެ އިންޒާރުތައް، ތަކުރާރުކޮށް ދެމުންނެވެ.