އެމެރިކާގެ ޓެކްސަސްގައި ވޯލާމްޓް ސުޕަމާކެޓްގައި ވިއްކަން ހުރި އައިސްކްރީމް ތަށިތަކުގެ އެތެރޭގައި ދޫލުމަށްފަހު އެތަށިތައް އަލުން ބަންދުކޮށް ފްރީޒަރުތަކަށް ލީ ޒުވާނަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މަޖަލަކަށް ހަދައިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހު، އައިސްކްރީމް ތަށިތަކުގެ އެތެރޭގައި ދޫލުމަށްފަހު އަނބުރާ ފްރީޒަރަށް ލުމުގެ ކުށުގައި ޖަލު ހުކުމް އިއްވާފައިވަނީ ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއިން ފެންނަ، ޑީ އޭޑްރިއަން އެންޑަސަންގެ މައްޗަށެވެ.
އުމުރުން 24 އަހަރުގެ މި ޒުވާނާގެ މައްޗަށް އިއްވާފައިވަނީ 30 ދުވަހުގެ ޖަލު ހުކުމެކެވެ.
ފިހާރާގައި ހުރި ސާވޭލަންސް ކެމެރާތަކުން ފެންނަ ގޮތުގައި، އެންޑަސަންވަނީ އޭނާ ދޫލުމަށްފަހު ފްރީޒަރަށް ލާފައި ހުރި އައިސްކްރީމް ތަށިތައް އަނބުރާ ގަންނަ މަންޒަރު ފެނިފައެވެ. އޯގަސްޓް 26 ވަނަ ދުވަހު ހިނގާދިޔަ މި ކަންތައްތަކާ ގުޅިގެން އެންޑަސަންގެ ހުކުމް އިއްވާފައި މިވަނީ 6 މަސްދުވަހަށް ފަހުގައެވެ. 30 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން، 100 ގަޑިއިރު ވަންދެން އުޖާރައަކާ ނުލާ މަސައްކަތް ކުރުމަށާ، 1000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށާ، އައިސްކްރީމް ކުންފުންޏަށް ވަކިން 1565 ޑޮލަރުގެ ޖޫރިމަނާ ފީއެއް ދެއްކުމަށްވެސް އެންޑަސަންގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
ބްލޫ ބެލް ކްރީމަރީޒް އައިސްކްރީމް ކުންފުންޏަށް ދައްކަން ހުކުމް ކޮށްފައިވާ 1565 ޑޮލަރަކީ، އެންޑަސަންގެ އަމަލުތަކުގެ ސަބަބުން ފްރީޒަރުގައި ހުރި އައިސްކްރީޟް ސްޓޮކް ބަދަލު ކުރުމަށް ހިނގި ޚަރަދެވެ. އޭލާ ދޫލީ އައިސްކްރީމް ތަށިތައް ގަތް ކަމުގެ ރަސީދުތައް ދެއްކި ކަމުގައި ވީ ނަމަވެސް ބްލޫ ބެލް ކްރީމަރީޒްއިންވަނީ އެވަގުތު ސްޓޮކްގައި ހުރި ހުރިހާ އައިސްކްރީމް ތަށިތައް ނަގާ، އާ ތަށިތަކަށް ބަދަލުކޮށްފައެވެ.
ވޯލްމާޓް ސުޕާމާކެޓްގައި އެންޑަސަން ޖެއްސި ސްޓަންޓްއަކީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކުވެސް އެފަދަ ކަމެއް ކޮށްފައިވާތީ ފެނިގެން އޭނާ ކުރި ކަމެއް ކަމަށް ވެއެވެ. ނަމަވެސް އެ އަންހެން ކުއްޖާ މިކަމުން ސަލާމަތްވެފައިވަނީ އަމަލު ހިންގިއިރު އެކުއްޖާއަށް 18 އަހަރު ފުރިފައި ނުވާތީއެވެ.
މިޒަމާނުގައި ކިތައްމެ އުމުރުން ދޮށީވިޔަސް މީހާގެ ސިކުނޑި ބޮޑެއްް ނުވޭ. ދިރިއުޅުން ސީރިއަސް ނުވޭ.