މިިދިޔަ އަހަރު ފަހުކޮޅުން ފަށައިގެން ދުނިޔޭގައި ހަލުވޮކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރސް ޑިޒީސްގެ އަލާމާތްތައް އިތުރު ދިވެއްސެއްގެ ކިބަިއން ފެނިގެން، އޭނާ މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ދިވެއްސަކު ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުުރުމަށާއި މޮނިޓާ ކުރުމަށް އެކަހެރި ކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުމުން، އެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ދިވެއްސަކު އެކަހެރި ކޮށްފައިވާއިރު، އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް-19އަށް ޓެސްޓު ކުރުމަށް އިއްޔެ ވަނީ އެކަހެރި ކޮށްފައެވެ. އޭނާ މޮނިޓަރިންއަށް ގެންދެވުނީ ހަލުވިކޮށް ބަލި ފެތުރޭ ގައުމަކުން އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކުރެވިފައިވާތީ ކަމަށް އެޗްޕީއޭން ބުނާއިރު، އެ އެޖެންސީން ބުނީ، ކަރަންޓީނު ކުރި މީހާ ބައްޔަށް ނެގެޓިވް ވުމުން މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ދަތުރުކޮށްފައިވާ މީހަކު އެމެރިކާގެ ޗިލީން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ، އެއީ ކާކު ކަމާއި، ރާއްޖޭގައި އޭނާ އުޅެފައިވާ ތަންތަން ދެނެގަތުމަށް މޮނިޓާ ކުރަމުން ގެންދާ ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، މި މައުލޫމާތާއެކު، އެތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހަކު ހުރިތޯ ބަލާ މޮނިޓާ ކުރާނެ ކަމާސެވެ.

އެޗްޕީއޭން ބުނީ، ކޮވިޑް-19 އާ ގުޅިގެން މީހަކު އެކަހެރި ކޮށްފިނަމަ، އޭނާ ދިރިއުޅޭ ގޭގެ މީހުންނާއި، އޭނާއާ އެކު ވަގުތު ހޭދަކުރި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.