މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް19 އަށް މޮނިޓާ ކުރުމަށް ކަރަންޓީންކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ރާއްޖެއިން ބޭރުން އައި މީހަކު ކަރަންޓީން ކޮށްފައި ވާއިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ކަރަންޓީން ކޮށްފައެވެ. ކަރަޓީން ކުރެވުނު ދެ މީހުންވެސް ކަރަންޓީން ކޮށްފައި ވަނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި ކަމަށާއި އަދި އެއީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނަނަމަ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖޭގައި ކަރަންޓީނު ފެސިލިޓީއެއް ހަދާ އެއާޕޯޓުން ފަސެންޖަރުން މޮނިޓާ ކުރަމުން ދާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ހުސްވި މަހުގެ 25 ވަނަ ދުވަހު ޗިލީއަށް ދިޔަ މީހަކު ޕޮސިޓިވްވެގެން އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެކަން ހާމަ ކޮށްފައިވެއެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެމީހާއާ ބެހޭ މައުލޫމާތު ޗިލީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާފުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 3221 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.