ޗައިނާއިން ބޭރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން ރިޕޯޓްކުރަމުން ދާ އެއް ގައުމަކީ ދެކުނު ކޮރެޔާއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށާ، ބަލިޖެހިފައިވާ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ދެކުނު ކޮރެޔާއިން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންނެވެ. އެގޮތުން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ ސަރަހައްދުތަކާ، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން އުޅުނު ތަންތަނާ އެފަދަ މައުލޫމާތުވެސް އެލާޓްތަކުގެ ގޮތުގައި އާންމުންނަށް ދަނީ ފޮނުވަމުންނެވެ.

މިހާ ގިނަ މައުލޫމާތު އާންމު ކުރަމުންދާއިރު، އެނގެންޖެހޭ، އެކަމަކު އެކަމަކު އެ ކަމެއް އެނގުމުން ދެން ހަދާނެ ގޮތް ހުސްވާ ވަރުގެ މައުލޫމާތުތަކާ ވާހަކަތައް މިހާރު ދަނީ ދެކުނު ކޮރެޔާއިން ފެންމަތިވަމުންނެވެ. ކޮވިޑް-19އާއިއެކު ދެކުނު ކޮރެޔާގައި އިޖުތިމާއީ ބަލިމަޑުކަމެއްވެސް ވަނީ ފެތުރެން ފަށާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން 'ކޮފީއަށް އެރި' ތަންތަނާ ގަޑިތައްވެސް އެލާޓްގެ ގޮތުގައި ފޯރުކޮށްދެމުންދާއިރު، އެތައް ބައެއްގެ ފަތިފުށް ހާމަވަމުންދާން ފަށައިފިއެވެ. މިމައުލޫމާތުތަކީ މިހާރު ދެކުނު ކޮރެޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ވެބްސައިޓުންވެސް ލިބެން ހުރި މައުލޫމާތެވެ.

ކޮވިޑް-19އާއި ގުޅިގެން ސިއްހީ އެހީދޭ މީހަކު ސަލާމަތީ ގިއަރުގައި/ފޮޓޯ: ސީއެންބީސީ

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ސީދާ ނަމާ، އެނޫންވެސް ޒާތީ ވަނަވަރުގެ ތަފްސީލު ބަޔާން ނުކުރި ކަމުގައި ވީ ނަމަވެސް އެމީހަކު ދަންނަ މީހަކަށް އެއީ ކާކުކަން އެނގޭ މިންވަރަށް މައުލޫމާތު ހާމަކޮށްފައި ހުރެއެވެ. މި ގޮތަށް ހާމަކޮށްފައިވާ ބައެއް މައުލޫމާތުގެ އަލީގައި، ހަޔާތުގައި ބައިވެރިޔާއަށް ސިއްރުން ލޯބީގެ ގުޅުން ހިންގަމުންދިޔަ ބައެއްގެ ވާހަކަވެސް ވަނީ ފެންމަތިވެފައެވެ.

މިފަދަ އެކަކީ ސަމްސަންގް ކުންފުނީގެ މަސައްކަތްކުރަމުންދިޔަ އުމުރުން 27 އަހަރުގެ ޒުވާން އަންހެނެކެވެ. ދެކުނު ކޮރެޔާގެ ކަމާބެހޭ ފަރާތްތަކުން އާންމު ކުރި މައުލޫމާތު ބުނާ ގޮތުގައި އެ އަންހެން މީހާއަކީ ދެކުނު ކޮރެޔާގައި ކޮވިޑް-19 އިސްކޮށް ފެތުރުމުގައި ހަރަކާތްތެރިވި ކަމަށް ބުނާ ނަސޯރާދީނުގެ ޖަމާއަތުގެ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެކެވެ. އަދި އެ އަންހެން މީހާގެ އާއިލީ ނަމަކީ ޗާ ކަމަށްވެސް ބުނެފައިވެއެވެ. މިއާއެކު ސޯޝަލް މީޑިއާގައި އެ އަންހެން މީހާގެ އިތުރު ވަނަވަރު ހޯދަން އުޅުނު ބައެއްގެ ވާހަކަ އާންމުވިއެވެ. ނަމަވެސް އެ އަންހެން މީހާވަނީ އެ ތަފްސީލުތައް ހާމަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ. އެއީ އޭނާގެ އާއިލާއަށް ލިބިދާނެ ނަފްސާނީ ގެއްލުމަކަށް ބަލާފައި ކަމަށް އެމީހާ ބުނެފައިވެއެވެ.

ކޮވިޑް-19 ފެތުރިދާނެ ކަމަށް ތުރުކީވިލާތުން ވަނީ އެލާޓް އިއުލާންކޮށްފަ/ފޮޓޯ: ޑެއިލީ ސަބާހް

މިފަދަ އެތައް ވާހަކައެއް ފެންމަތިވަމުންދާ ވަރަކަށް، ވަގުތީ ލޯބިވެރިން ފޯރުކޮށްދޭ ހޮޓާތައް ދެކުނު ކޮރެޔާގައި އާންމުވެފައިވާކަން ކުރިން ނޭނގޭ ދަރަޖައަށް ހާމަވެއްޖެކަމަށް ބައެއް ރައްޔިތުން ވަނީ ބުނަން ފަށާފައެވެ.

ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ ނޭޝަނަލް ޔުނިވާސިޓީ ގްރެޖުއޭޓް ސްކޫލް އޮފް ޕަބްލިކް ހެލްތްއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާއަށް ބަލާއިރު، ކޮވިޑް-19ގެ އަސަރުކޮށް ނިޝާންތައް ނުފެނި ހުރެދާނެތީ މީހުން ބިރުގަންނަ ވަރަށްވުރެ، އެ ބަލީގެ ސަބަބުން މުޖުތަމައުގެ ފަރާތުން އެމީހަކަށް ކުރިމަތިލާންޖެހިދާނެ ގެއްލުންތައް ދެކެ މީހުން ބިރުގަންނަ މިންވަރު ބޮޑެވެ.

ދެކުނު ކޮރެޔާގައި މަސައްކަތް ކުރަމުން އަންނަ ސައިކޭޓްރިސްޓްއެއް ކަމަށްވާ ލީ ސޫ-ޔަންގް ލީ ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވުމަށްފަހު، ކޮވިޑް-19ގެ ޕޭޝަންޓަކަށް ވީތީ އެހެން މީހުންގެ ފަރާތުން އަމާޒުވާ އިލްޒާމުތަކަށް ބިރު ގަންނަ މީހުން ގިނައެވެ. އަދި އެމީހެއްގެ ސަބަބުން ދެވަނަ މީހަކަށް ބަލިޖެހުނު ކަމަށް ބުނެ، އެކަމާ ބިރުން އުޅޭ މީހުންގެ އަދަދުވެސް މަދު ނޫންކަން ލީ ވަނީ ފާހަގަކޮށްފައެވެ. މުޖުތަމައުން ކުރިމަތިވާ ފާޑުކިއުންތަކާއެކު އަމިއްލައަށް މަރުވުމުގެ މައްސަލަވެސް ދެކުނު ކޮރެޔާގައި އޮތީ ބޮޑުވެފައެވެ. މިއާއެކު އިތުރު ބިރުވެރިކަމެއް ދެކުނު ކޮރެޔާގައި ވަނީ އުފެދިފައިއެވެ. މުޖުތަމައުގެ ފަރާތުން ކުރިމަތިވެދާނެ އެކަހެރި ކަމަކާ ފާޑުކިއުމަކަށް ވިސްނާ، ބަލި ހުރިކަން ސިއްރު ކުރާ މީހުންގެ އިތުރުވުމުގެ މައްސަލަ އޮތީ ދުރަކު ނޫނެވެ.