ރާއްޖޭގައި ވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީއިން ބުނި ގޮތުގައި އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި އެއީ ފުރަތަމަ މީހާއެވެ.

އެގައުމުގެ ޓަލްކާ ސިޓީގައި ހުރި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ހެލްތުން ބުނެއެވެ.

އެ މީހާއަށް ފަރުވާ ދެމުންދާ ޓަލްކާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައި ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައި ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައި ކަމަށް އެ ނޫހުގައި ވެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.