މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޖަޕާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް 'ޓޯކިޔޯ 2020'، މިއަހަރުގެ ފަހުކޮޅަށް ފަސްކުރަންޖެހިދާނެ ކަމަށް ޖަޕާނުގެ އޮލިމްޕިކްސް ވަޒީރު ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެގައުމުގެ އޮލިމްޕިކްސް ވަޒީރު ސެއިކޯ ހަޝިމޯޓޯ ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒްއާއި ގުޅިގެން އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފަސްކުރަންޖެހިދާނެ ކަމަށާ، ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)އާއި ކަޕާނާ ދެމެދު ވެފައިވާ އެއްބަސްވުން ލާޒިމުކުރަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކުޅިވަރު މުބާރާތް ބޭއްވުމަށް ކަމަށެވެ.
މީގެ މާނައަކީ މުބާރާތް އޮންނަ ތާރީހު ފަސްކުރުމުގެ ފުރުސަތު ޖަޕާނަށް ލިބިދީފައި އޮތުން ކަމުގައި ބެލިވިދާނެ ކަމަށްވެސް ސެއިކޯ ވަނީ ވިދާޅުވެފައެވެ.
ޝެޑިއުލް ރާވާފައިވާ ގޮތަށް ބަލާއިރު، ޓޯކިޔޯ 2020 އޮލިމްޕިކްސް ފަށަން ހަމަޖެހިފައި އޮތީ ޖުލައި 24 ވަނަ ދުވަހުއެވެ. އޯގަސްޓް 9 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާއިރު، ޝެޑިއުލާ އެއްގޮތަށް ހުރިހާ ކަމެއް ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށްވެސް ޖަޕާނުގެ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެއްބަސްވުން ބުނާ ގޮތުން ނަމަ އޮލިމްޕިކްސް ކުޅިވަރު މުބާރާތެއް ކެންސަލް ކުރުމުގެ ހައްގާ ބާރު ލިބިފައި އޮންނަނީ އައިއޯސީއަށެވެ. ކަންމިހެންއޮތްއިރު އައިއޯސީގެ ރައީސް ތޯމަސް ބެކް ވިދާޅުވީ ޓޯކިޔޯ 2020 ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފައިވާ ހައި-ޕްރޮފައިލް ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވާލްޑް އެތްލެޓިކްސް އިންޑޯ އެތްލެޓިކްސް އަދި ޗައިނީޒް ގްރޭންޑް ޕްރީ ފާހަގަކުރެވެއެވެ.