ކޮރޯނާވައިރަސް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އީރާނަށް، ބައިނަލްއަގުވާމީ ފެންވަރުގައި އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް، އެގައުމުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އީރާނުން ކަންތައްތަކެއް ފޮރުވާ، ހަގީގަތް އޮޅުވާލާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު، ޚަމަނާއީ ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އީރާނުގެ އޮފިޝަލުން މައުލުމާތު ހާމަކުރައްވަމުން ގެންދަވާފައިވަނީ އިހުލާސްތެރިކަމާއެކު، ހާމަކަން ބޮޑު، ދެފުށްފެންނަ ގޮތަކަށް ކަމަށެވެ.

ޓްވީޓްކުރައްވަމުން ޚާމަނާއީ އިތުރަށް ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރާ އެހެން ގައުމުތަކެއް އެބައޮތް ކަމަށާ، ނަމަވެސް ހުރިހާ ގައުމެއްގައި ތިބި ބަލި މީހުންނަށް ޝިފާ ލިބުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

އުތުރު އެފްރިކާއާއި މެދުއިރުމަތީ މަސްރަހަށް ބަލާއިރު ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އީރާނުގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، ޗައިނާއަށްފަހު 3 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް އީރާނުގައެވެ. މީގެ ތެރޭގައި ޚަމަނާއީއަށް ލަފާ އަރުވާ އިސް ކައުންސިލްގެ މުޝީރެއްވެސް ހިމެނިވަޑައިގަންނަވައެވެ. އީރާނުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 2000އަށްވުރެ މައްޗަށް އަރާފައިވާއިރު ސަރުކާރާ ގާނޫނު ހަދާ މަޖިލީހުގެ އިސް ފަރާތްތަކެއްވެސް ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާ، ބަލިމަޑުކަމުގެ ވާހަކަ ހަގީގަތަކަށްވުރެ ބޮޑުކޮށްގެން ނުދެއްކުމަށްވެސް ޚާމަނާއީ ވަނީ ގޮވާލައްވާފައެވެ.