އީރާނުގެ މައި ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ސަލާމަތީ ބާރުތަކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި 23 ކުޑަކުއްޖަކު މަރާލާފައި ވާކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތުކޮށްފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން މިއަދު ބުނީ އީރާނުގެ ސަލާމަތީ ބާރުތަކުން 23 ކުޑަކުއްޖަކު މަރާލާފައިވާއިރު އޭގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ ލައިވް ވަޒަންތަކުގެ ޝިކާރައަކަށް ވެގެން ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން މިއަދު އާންމު ކުރި އާ ރިޕޯޓް ބުނާ ގޮތުގައި 23 ކުޑަކުދިންގެ ތެރެއިން 22 ކުއްޖަކު މަރާލާފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން ގައިރު ގާނޫނީ ގޮތެއްގައި ލައިވް ވަޒަން ބޭނުންކޮށްގެން ދިން ހަމަލާތަކުގައެވެ. މި ހަމަލާތައް އަމަޒުކޮށްފައިވަނީ ހަތިޔާރަކާ ނުލާ މުޒާހަރާ ކުރަމުންދިޔަ އާންމުންނާ، ކައިރި ހިސާބުތަކުގައި ތިބި މީހުންނަށް ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ 22 ފިރިހެން ކުދިންނާ އުމުރުން 8 އަހަރާ 12 އަހަރާ ދެމެދުގެ އަންހެންކުއްޖެއް ކަމަށްވެސް އެމްނެސްޓީގެ ރިޕޯޓްގައި ވަނީ ތަފްސީލުކޮށްދީފައެވެ.

ނޮވެމްވަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީރާނުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށި ކުއްލި ގޮތަކަށް ޕެޓްރޯލްގެ އަގު ބޮޑު ކުރުމާ ގުޅިގެންނެވެ. މި މުޒާހަރާތަކާ ގުޅިގެން އީރާނުން މަރުވި މީހުންގެ ޖުމުލަ އަދަދު 300އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެމްނެސްޓީއިން މީގެ ކުރިން ބުނެފައިވާއިރު، އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެކަން ދޮގު ކުރެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރީސާޗް އެންޑް އެޑްވޮކަސީ ޑައިރެކްޓާ ފޮ މިޑްލް އީސްޓް އެންޑް ނޯތް އެފްރިކާ ފިލިޕް ލޫތާ ވަނީ، މި މަރުތަކުގެ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގުތަކެއް ހިންގަންޖެހޭ ކަމަށާ، މި ފަދަ ޖަރީމާތަކަކަށް އަމުރު ކުރި ފަރާތްތައް ހޮދާ، އިންސާފުވެރި ޝަރިއަތަކަށް އެ ފަރާތްތައް ހާޒިރުކުރެވެންޖެހޭނެ ކަމަށް ބުނެފައެވެ.

އެމްނެސްޓީއިން ބުނީ މަރާލާފައިވާ 23 ކުދިންގެ ވަނަވަރ، އީރާނުގެ ދާހިލީ ވަޒީރު ޢަބްދުލްރިޒާ ރަޙްމާނީ ފަޒްލީއަށް އަރުވާފައިވާނެ ކަމަށާ، ނަމަވެސް އީރާނުގެ ފަރާތުން ރަސްމީ ސިފައެއްގައި އަދި މިހާތަނަށް އެއްވެސް ވަރެއްގެ ބަހެއް ލިބިފައި ނުވާކަމަށެވެ.