މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އުފެދިގެން އައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ނުފެތުރޭ ހަމަ ހިސާބެއް މިއަދު މި ދުނިޔޭގައި ނެތޭ ދެންނެވިދާނެއެވެ. ހުރިހާ ގޮތަކުން އެންމެ ކުރިއަރާފައިވާކަމަށް ވަކާލާތު ކުރަމުންދާ ވިލާތު ބައްރުގައިވެސް ކޮވިޑް-19 ފެތުރެމުންދާއިރު، އެސަރަހައްދުގެ ސިޔާސީ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ރޯގާ ވެފައިވަނީ އެޖެންޑާ ފެތުރުމުގެ ހަތިޔާރަކަށެވެ.

ބަލީގެ ފެށުން ކަމުގައިވި ޗައިނާއަށްފަހު ކޮވިޑް-19ގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ އިޓަލީވިލާތުގެ ކުރީގެ ދާހިލީ ވަޒީރު މަޓިއޯ ސަލްވީނީ ވިދާޅުވީ، މި ރޯގާއަކީ ވިލާތުގެ އިއްތިހާދީ ސަރުކާރަށް ތާއީދުކުރުމުގެ ފިކުރު ގެންގުޅޭ އިޓަލީވިލާތުގެ އަދުގެ ސަރުކާރު ފެއިލްވެފައިވާކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ.

އިޓަލީވިލާތާ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ހިމާޔަތް ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތޭ ފެއިލްވެއްޖެނަމަ އެންމެ ރަނގަޅުވާނީ ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ އެކަހެރިވެވަޑައިގަތުން ކަމަށްވެސް ސަލްވީނީ ވަނީ ވިދާޅުވެފައެވެ. ގައުމަށް ވަދެނިކުމެ ވާ ފަރާތްތަކުގެ އެނގެންޖެހޭ ކަމަށާ، އިޓަލީވިލާތުގެ ބޯޑަރު ބަންދުކުރަންޖެހޭ ކަމަށްވެސް ސަލްވީނީ ވަނީ ވިދާޅުވެފައެވެ.

އިރާގުގެ ނަޖަފުގެ ވައިގެ ބަނދަރަށް ޖައްސާފައި އޮތް މަތިންދާބޯޓަކުން ފައިބައިގެން އަންނަ ފަސެންޖަރުންތަކެއް ކޮވިޑް-19އާއި ގުޅިގެން މާސްކު އަޅާފަ/ފޮޓޯ: ޢަލާ އަލް-މަރުޖާނީ

ވަކި ނަސްލެއް ނުވަތަ ދަރިކޮޅެއްގެ ބަޔަކަށް އިނގިލި އަމާޒުކޮށް ތަފާތު ކުރުންތައް ނުގެންގުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ތަކުރާރުކޮށް އިލްތިމާސް ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް ސަލްވީނީ ވަނީ އެ ރޮނގުވެސް ހުރަސްކުރައްވާފައެވެ. އެގޮތުން ލީބިޔާ މަގުން އިޓަލީވިލާތަށް އެތެރެވާ އެފްރިކާގެ ރެފިއުޖީންނާ މެދު ބިރުވެރިކަން އުފެއްދުމަށް ސަލްވީނީ މަސައްކަތް ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ޑޮކްޓާޒް ވިތައުޓް ބޯޑާޒްގެ 'އޯޝަން ވައިކިންގް' އާއި 'ސީ ވޮޗް 3' ސިސިލީގައި ބަނދަރުކުރުމަށް އިޓަލީވިލާތުން ވަނީ އިންކާރު ކޮށްފައެވެ. ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހާ 27 ވަނަ ދުވަހު އިޓަލީވިލާތަށް ވަންނަން މަސައްކަތްކުރި މި 2 ރެސްކިއު ބޯޓަށް އެގައުމުން ހުރަސް އެޅުމަށްފަހު މިހާރު 2 ބޯޓުވެސް ވަނީ 2 ހަފުތާގެ މުއްދަތަށް ކަރަންޓީނުކޮށްފައެވެ.

މިއާއެކު މެޑިޓަރޭނިއަން ކަނޑުގެ މެދުތެރޭ ސަރަހައްދުގައި އެއްވެސް އެންޖީއޯއަކުން މިވަގުތު ހަރަކާތްތެރިވަމަކުން ނުދެއެވެ. މިއީ ކަނޑުމަގުން ހިޖުރަކުރާ ރެފިއުޖީންނަށް އޮތް ނުރައްކަލެކެވެ. ޑޮކްޓާޒް ވިތައުޓް ބޯޑާޒްއިން ސިފަކުރާ ގޮތުގައި މިއީ ދަތުރެއްގެ މަތީގައި އޮއްވާ އެމްބިއުލާންސްއެއް ހިފެހެއްޓުން ފަދަ ކަމެކެވެ.

ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކަކީ މިނިވަންކަމަށް އިންތިހާއަށް ވަކާލާތު ކުރާ ބައެކެވެ. އެގޮތުން ފަރަންސޭސިވިލާތުންވަނީ އެގައުމުގައި ކުރިއަށްދިޔަ ފުޓުބޯޅަ މެޗެއް ބަލަން ވަނުމުގެ ފުރުސަތު އިޓަލީވިލާތުގެ ސަޕޯޓަރުންނަށް ދީފައެވެ. މިކަމާވެސް ދެކޮޅު ހަދާ ސިޔާސީ ބަޔަކު ފަރަންސޭސިވިލާތުގައި ދަނީ އަޑުގަދަ ކުރަމުންނެވެ. އެގޮތުން ގައުމެއްގެ ސަރަހައްދީ އިމަކީ އެގައުމެއްގެ ރައްޔިތުންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭ އިމެއް ކަމަށް ބުނެ، ފަރަންސޭސިވިލާތުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ އެގައުމުގެ ރައީސް އިމެނުއަލް މެކަޣޯންގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

ވޫހާން އިން ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހަކު ހޮސްޕިޓަލަށް ގެންދަނީ/ފޮޓޯ: އޭއެފްޕީ

ކަންމިހެން އޮތްއިރު ޝެންގެން އެއްބަސްވުން އުވާލުމަށް ޖަރުމަނުވިލާތާ ސްޕެއިންއިން ދަނީ ގޮވާލަމުންނެވެ. ޝެންގެން އެއްބަސްވުމަކީ ވިލާތުގެ އިއްތިހާދުގެ 26 މެމްބަރު ގައުމުގެ މެދުގައި ޕާސްޕޯޓަކާ ނުލާ ދަތުރުކުރުމުގެ މަގު ތަނަވަސްކޮށްދޭ އެއްބަސްވުމެކެވެ. އެގޮތުން އިސް ލީޑަރުން ގެންދަވަނީ އާންމު ރައްޔިތުންގެ ފުރާނައިގެ މައްޗަށް، މިނިވަން ސަރަހައްދީ އިމުގެ ބޯޑަރުތައް ހުޅުވާލުމުގެ ސިޔާސަތު އިސްކުރައްވަމުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވިލާތުގެ ގައުމުތަކުގެ ލީޑަރުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.

ޔޫރަޕިއަން ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އިން ބުނީ، ޝެންގެން އެއްބަސްވުން ބާތިލުކުރަންޖެހޭ ސައިންޓިފިކް އެއްވެސް ހެއްކެއް އަދި ނުފެންނަ ކަމަށެވެ. ކޮވިޑް-19އާއި ގުޅިގެން ވިލާތުން އަމަލު ކުރަމުންދަނީ އާންމުންގެ މެދުގައި ހާސްކަން ވީހާވެސް ކުޑަކުރެވެ ފަދަ ގޮތަކަށް ކަމަށް އެފަރާތުން ވަކާލާތު ކުރެއެވެ.