ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެމަނިކުފާނުގެ ވަކީލުންގެ ތުހުމަތު، އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކަށް އަމާޒުވެއްޖެއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުގައި ދައުލަތުގެ ހެކިވެރިން ހެކިބަސް ދީފައި ވަނީ ރާވައިގެން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހެކިބަހަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ހެކި ބަސް ދީފައި ވަނީ ވަކި ކޮޅަކަށް ބަރުވެ ތިބެ ކަމަށް ވެސް ވަކީލުން ބުނެއެވެ. އެގޮތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކުގެ ތެރެއިން ވަކީލުން ވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބައި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ ނަން ފާހަގަ ކޮށްފައެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ތުހުމަތުތައް އަދީބާއި، ޒިޔަތު އަދި މުއައްވިޒަށް އަމާޒުވީ، ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ، ހުށަހަޅާފައިވާ އިސްތިއުނާފީ 75 ނުކުތާގެ ތެރެއިން 65 ނުކުތާ ތަފްސީލު ކޮށްދީފައެވެ.
މިއަދު ތަފްސީލު ކުރި އިސްތިއުނާފީ ބައެއް ނުކުތާތައް:
- ދައުލަތުން ހުށަހަޅާފައިވާ ހެއްކަކީ ދައުވާގެ ކޮން އުންސުރެއް ފާހަގަ ކުރަން ހުށަހެޅި ހެކި ކަން ސާބިތުނުވުން
- ރައީސް ޔާމީންގެ ކުށް ކުރުމުގެ ނިޔަތް ނެތްކަން
- ދައުލަތަށް ކުށްކުރި ތަނާއި ވަގުތު ބަޔާންކޮށްދެވިފައި ނުވުން
- ގާނޫނާ ހިލާފު ހެކިބަސް ނަގާފައިވުން
- އެކްސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ، މަނީ ލޯންޑާ ކުރުމުގެ ނުވަތަ މިފަދަ އެއްވެސް ޖަރީމާއެއް ހިންގުމުގެ ނިޔަތުގައެއް ނޫން
- ދައުލަތުން ހުށަހެޅި ހެކިވެރިން ދީފައި ވަނީ ދޮގު ހެކިބަސް، ހެކިބަސް ދީފައި ވަނީ ރާވައިގެން
- ހުލާސާ ބަޔާން އިއްވުމުގައި، އެ ބަޔާން ހުލާސާ ކުރަން ޖެހުމުން ދިފާއުގެ ގިނަ ނުކުތާތަކެއް ގެއލްިގެން ދިޔަ
- ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ގއ. ވޮޑަމުއްލާގެ އިކިއުޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ފައިސާކަން ސާފުނުވުން
- އިންވެސްޓްމަންޓް އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ އެކްސްކްރޯ އެކައުންޓް އެކުލަވާލުމުގެ ކުރިން
- ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗް އެކުލަވާލާފައި ވަނީ ގަވާއިދާ ހިލާފަށް
- ބައެއް ހެކިވެރިން ދޮގު ހެކިވބަސް ދީފައިވާއިރު، އެކަމަށް ރިއާޔަތްކޮށްފައި ނުވުން
- އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހަކީ ގާނޫނީ ގޮތުން ބަލައި ގަނެވޭނެ ހެކިބަހެއް ނޫންކަން
- އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތަށް ރައީސް ޔާމީން ގުޅިކަމަށް ޒިޔަތު ބުނެފައިވާއިރު، އެކަމަށް ބާރުދޭ އިތުރު ހެއްކެއް ނެތުން
- އެސްއޯއެފް ކުންފުންޏަކީ، ސައްހަ ވިޔަފާރީގެ މުއާމަލާތް ހިންގަ ކުންފުންޏެއްކަން
- ރައީސް ޔާމީން އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާނަމަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކަން ބަލަން ޖެހޭއިރު، އެކަން ބަލާފައި ނުވުން
- އިބްތިދާއީ މަރުހަލާގައި ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ހަނިވެފައިވުން
- އެއް ހެކިވެރިޔަކުގެ ހެކިބަސް 2 ދުވަހަށް ދެމިގެން ދިއުމުނެ، އެ ހެކިބަހަށް ނުފޫޒު ފޯރުވާފައިވުމުގެ ފުރުސަތު އޮތުން
- ކޮށްފައިވާ ދައުވާއަކީ ކޮބާކަން އިބްތިދާއީ މަރުހަލާގައި ސާފުނުވުން
- ކުރިން ކުށެއް ކޮށްފައިނުވާ މީހެއް ކަމަށް ރިއާޔަތްކޮށް ހުކުމް ކުރިއިރު، ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އަދަދުން ޖުރިމަނާކޮށްފައިވުން
- ދައުވާ އުފުލާފައި ވަނީ ފުލުހުން ތަހުގީގު ކުރި މައްސަލާގައި ނޫންކަން
ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ ޖުމްލަ 75 ނުކުތާއެއް ފާހަގަކޮށް، ތަފްސީލުކޮށްދީ ނިމުމުން، ރިޔާސަތުން ވަނީ، މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން އެދެނީ ކޮންކަމެއް ކޮށްދިނުމަށްތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި، ރައީސް ޔާމީންގެ ވަކީލުން ވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ހިލާފު ހުކުމެއް ކަމަށް ބުނެ، އެ ހުކުމް ބާތިލު ކޮށް ދިނުމަށް އެދިފައެވެ.
ޝަރީއަތުގެ މަޖިލިސް ނިންމާލަމުން ރިޔާސަތުން ބުނީ، ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ، ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތައް ފާހަގަ ކުރުން ކަމަށެވެ. އެގޮތުން މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރިޔާސަތުން ބުނިއެވެ.
މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔަރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒު ހުންނަވާއިރު، އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދެވެ.