ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަށްފަހު، ބަޔާނެއްގައި ސޮއި ކުރުމަށް އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ހިމެނޭ ވަކީލަކު ވިދާޅުވީ، މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ ބަޔާނެއް ފައިނަލްކޮށް، އެ ބަޔާނުގައި ސޮއި ކުރުމަށް ކަމަށެވެ. އަދި އެ ބަޔާނަކީ، މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި ކަންކަމާއި ގުޅޭ ގޮތުން ފުލުހުން ޑްރާފްޓް ކުރި ބަޔާން ކަމަށް ވަކީލު ވިދާޅުވިއެވެ.

ބަޔާން ފައިނަލްކޮށް، ޑްރާފްޓް ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީމިއަދު ހައިކޯޓުގައި ބޭއްވި އެމަނިކުފާނުގެ ޝަރީއަތަށް ފަހުއެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ، ހުށަހަޅާފައިވާ އިސްތިއުނާފީ 75 ނުކުތާގެ ތެރެއިން 65 ނުކުތާ ތަފްސީލު ކޮށްދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދިނުމަށް އެދިފައެވެ. މި މައްސަލާގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާއިރު، އެ އަޑުއެހުމެއްގައި އޮންނާނީ، ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތައް ފާހަގަ ކުރުން ކަމަށް ރިޔާސަތުން ބުނެފައިވެއެވެ.