ލޯންޑްރީ ސެނިޓައިޒާއާއި ސޮފްޓްނާ، ކޮމްފޯޓް ފަދަ މީރުވަސް ދުވާ އެކި ކަހަލަ އުފެއްދުންތަކުން ބާޒާރުގެ ރެކުތައް ފުރާލާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދާވެފައި ހުންނަ އެއްޗެހިތަކެއް، ބަންދު މެޝިނެއްގެ ތެރޭގައި ދޮވުމަށްފަހު ނަގާއިރުވެސް އޭގައި ޒާތެއްގެ ވަހެއް ހަރުލާފައި ހުންނަ މައްސަލައަކީ ގިނަ ބަޔަކަށް މިއަދުވެސް ކުރިމަތިލާންޖެހިފައިވާ މައްސަލައެކެވެ.

މީރުވަސް ދުވާ އެކި ކަހަލަ އުފެއްދުންތައް ތައާރަފުކޮށްފައިވަނީ މިފަދަ ކަންކަމަށްވެސް ހައްލެއް ހޯދާދިނުމަށެވެ. ކަންމިހެން އޮތްއިރު، ކިތަންމެ ވަރަކަށް މިފަދަ މީރުވަސް ދުވާ އުފެއްދުންތައް ބޭނުންކުރި ކަމުގައި ވީ ނަމަވެސް ބައެއް ކަހަލަ އެއްޗެހީގައި ނުވަތަ ބައެއް ފަހަރު ދޮވެފައި ނަގާ ފޭރާމުގައި މީރުވަހެއްގެ ބަދަލުގައި ބޮލަށް އުނދަގޫ ކުރާ ޒާތުގެ ވަހެއް ހަރުލާފައި ހުންނަނީ ކީއްވެކަން އެނގޭހެއްޔެވެ؟

މެޝިން އޯވާލޯޑުކުރުން

ގޭގައި ހުރީ އެންމެ ބޮޑު މެޝިންތަކުގެ ތެރެއިން މެޝިނެއް ކަމުގައި ވިއަސް، މެޝިނު ފުރެންދެކަށް އެއްޗެހި އަޅައިގެން ދޮންނަން އުޅުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ދޮންނަ މެޝިނަށް އެއްޗެހި އަޅަން އެންމެ ރަނގަޅީ ޓަބް ފުރެން 3 ވަރަކަށް ހެދުމަށް ވުމުން އިތުރަށް ލޯޑުނުކޮށް ހުއްޓާލުން/ފޮޓޯ:ވައިޓީއައި

މެޝިނުގެ ޓަބް ނުވަތަ ދޮންނަން ހުރި އެއްޗެހި އަޅަން ހަމަޖެހިފައިވާ ބައި ފިތިބާރު ވަންދެން ނުވަތަ ފިތިބާރު ނުވި ކަމުގައި ވީ ނަމަވެސް ހުސް ޖާގައެއް ނެތް މިންވަރަށް އެއްޗެހި ލޯޑް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މެޝިނުގައި ބަރުދަން ހިފެހެއްޓި ކަމުގައި ވީ ނަމަވެސް، މި ގޮތަށް ޓަބް ފުރާލުމުން އެންމެ ރަނގަޅަށް އެއްޗެހި ދޮވެއެއް ނުދޭނެއެވެ. އޭގެ ބަދަލުގައި އެކަތި އަނެކައްޗާ ކޭއްތޭނީއެވެ. ނަތީޖާއަކަށްވީ އެކަތިން އަނެކައްޗަށް ބެކްޓީރިއާ އަރާ ގޮތްވުމެވެ. ފެންލާ ބުރުގައިވެސް ރަނގަޅަށް އެއްޗެހި އެނބުރިލާނެ ޖާގަ ނެތުމުން ދޮންނަކުނޑިވެސް ފިލާ ގޮތް ނުވެ، އޭގެ ވަސް ހަރުލާ ތަތްމުޑުވަހެއް އަށަގަނެއެވެ.

ޓަބް އޯވާލޯޑް ވިޔަ ނުދޭން ބަލަން އެންމެ ފަސޭހަ މިންގަނޑަކީ، ޓަބް ފުރެން 3 ވަރަކަށް އައިޓަމަށް ވުމުން ހުއްޓާލުމެވެ. ނުތަކާ ވަރު ވަންދެން އެއްފަހަރާ އެއްޗެހި އަޅައިގެން ދޮންނަން ނުއުޅޭށެވެ.

މެޝިނުގައި ގިނަ ވަގުތު ތެތް އެއްޗެހި ބެހެއްޓުން

މިއީ ހުރިހާ އެންމެންވެސް އަވަދި ނެތި އުޅެންޖެހިފައިވާ ޒަމާނެކެވެ. މެޝިނުގައި ލޯންޑްރީ ބުރެއް ސެޓް ކުރުމަށްފަހު އޮފީހަށް ނުވަތަ ބާޒާރަށް ދާ މީހުންވެސް މަދެއް ނޫނެވެ. ކޮންމެވެސް ކަމަކާ ލައިގަނެގެން މެޝިނުން އެއްޗެހި ނަގަންޖެހޭ ގަޑި ޖެހި ފާއިތުވެގެންދާއިރުވެސް މެޝިނާ ހިސާބަށް ދެވޭގޮތް އޮންނަނީ ނުވެފައެވެ.

އަނެއް ހާލަތަކީ ދިރިއުޅެން ޖެހިފައި އޮންނަ ތަނުގެ ދަތިކަމެވެ. މިއީ ސިއްހަތަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވިއަސް، ގިނަ މީހުންނަށް މަޖުބޫރުވެފައި އޮންނަނީ ދިރިއުޅޭ އެޕާޓްމަންޓް ތެރޭގައި އެއްޗެހި ހިއްކަން އަޅާށެވެ. ކައްކަނީވެސް އެތަނުގައި ކަމުން، ދޮވުނު އެއްޗެހީގައި ކައްކާ ވަސް ހިފާފާނެތީ ކައްކާ ނިމެންދެން މެޝިނު ތެރޭގައި އެއްޗެހި ބަހައްޓަނީއެވެ.

މިފަދަ އެކި ސަބަބުތަކާ ހެދި މެޝިނު ތެރޭގައި ތެތް އެއްޗެހި ބެހެއްޓުމަކީވެސް އެ ދޮވުނު އެއްޗެއްގެ ވަސް ނުބައިވާން މެދުވެރިވާ ސަބަބެކެވެ.

މެޝިނުގެ ދޮރު ނުވަތަ ބެލްޓް ރިމްގައި ދަމިލަޖެހުން

ދޮންނަ މެޝިނަކީ ދޮންނަ މެޝިނެއް ކަމަކު އެ މެޝިނަކީވެސް ދޮވެ ސާފުކުރަން ޖެހޭ މެޝިނެކެވެ. އަދުގެ ޒަމާނީ މެޝިންތަކުގައި ޓަބް ސާފު ކުރާނެ ގޮތްތައް ބަޔާންކޮށްދީފައި ހުއްޓެއް ކަމަކު، މިއީވެސް އެންމެ ފުރިހަމައަށް މެޝިނުގެ އެތެރެ ސާފުކޮށްދޭ އުކުޅެއް ނޫނެވެ. އެހެންކަމުން، ގަވައިދުން ޓަބް ސާފު ކުރުމުގެ އިތުރުން، މެޝިނުން ޖަމާވާ ކުނިތައް ހުންނަ ސަރަހައްދު ސާފުކުރަން ޖެހެއެވެ. އަދި އެންމެ އާންމުކޮށް ހުޅުވާ އުޅޭ މެޝިނުގެ ދޮރާ، އެ ދޮރާ ގުޅިފައިވާ ބެލްޓާއި ލެޗުތަކުގެ ދޭތެރެއަށް ވަދެފައިވާ ފެންމަޑާ ދަމިލަ ފަދަ ގަޑުބަޑުތަކުން މެޝިނު ސާފުކުރަންޖެހެއެވެ.

ދޮންނަ މެޝިނުގެ ބެލްޓާ ދޮރުފަތް ގަވައިދުން ސާފުކުރަންޖެހޭ/ފޮޓޯ: ބޭބީ ސެންޓާ

މެޝިނުގައި ހުންނަ ރަބަރު ބައިތަކުގައި މިގޮތަށް ހަރުލާފައި ހުންނަ ދަމިލައާއި ފެންމަޑަކީ ދޮންނަ އެއްޗެހީގައި ހޭކުމުގެ އިތުރުން މެޝިނުގެ ވަސްވެސް ނުބައިކުރާ އެއްޗެކެވެ. ނަތީޖާއަކަށްވަނީ މެޝިނުން ދޮންނަ އެއްޗެހީގައިވެސް އެ ވަސް ހިފުމެވެ. އެހެންކަމުން، ކޮންމެ ބުރެއްވެސް ދޮވެ ނިމުމުން ވީ އެންމެ އަވަހަކަށް އެއްޗެހި މެޝިނުން ނަގާ، ސާފު ފޮތިކޮޅަކުން ބެލްޓާ ދޮރު ސާފުކޮށްލާފައި ނޫނީ ދެވަނަ ބުރެއް ލޯޑު ނުކުރާށެވެ.

އާދަޔާ ހިލާފު ގަދައަށް ދާވެފައި ހުންނަ އެއްޗެހި ދޮވުން

އެއްޗެހި ދޮންނަ އިރު ކުލަ ވަކިކުރުމަކީ އާންމުކޮށް މިހާރު ކޮންމެ މީހަކުވެސް ކުރާ ކަމެކެވެ. ކުލަ ވަކި ކުރުމުގެ އިތުރަށް، އެއްޗެހި ދާވެފައި ހުންނަ މިންވަރެއްގެ މައްޗަށް ބަލައިގެން އެކި ބުރުތަކަށް އެއްޗެހި ބަހާލުމަކީވެސް ބުއްދިވެރި ގޮތެކެވެ. މިސާލަކަށް ބުރަ މަސައްކަތުގައި އުޅެ ގަދައަށް ދާ ހިއްލާފައި ހުންނަ ވަގުތުތަކުގައި ބޭނުން ކުރާ އަންނައުނާ އެނޫންވެސް ފޭރާންތައް ވަކިން ދޮވުން އެދެވިގެންވިއެވެ. މިސާލަކަށް ޖިމްގައި ބޭނުން ކުރާ ސާމާނު ވަކިން ދޮންނަން ހަނދާން ކުރާށެވެ.

މާ ބޮޑަށް ދާވެފައި ހުންނަ އަންނައުނު އެހެން އެއްޗެއްސާއެކު ދޮވުމުން، މާ ބޮޑަށް ދާ ނުވާ ފޭރާންތަކުގައިވެސް ބެކްޓީރިއާ އަށަގަނެ، ނުބައި ވަސް ދުވާ ގޮތް މެދުވެރިވެއެވެ.

އިލާސްޓިކް އެއްޗެހި

އާނއެކެވެ. އިލާސްޓިކް އެއްޗެހި ދޮންނައިރު އެކުވާ ކެމިކަލްތަކެއްގެ ސަބަބުން ޒާތެއްގެ ގޭހެއް ބޭރުކުރެއެވެ. އިލާސްޓިކް އެއްޗެހީގައި ޒަވި ވަހެއް ހަރުލާފައި ހުންނަ ގޮތް ވަނީ އެހެންވެއެވެ. އެތެރެއިން ލުމަށް ބޭނުންކުރާ ބައެއް ކަހަލަ ފޭރާންތަކުގައި ބޭނުންކޮށްފައި ހުންނަ އިލާސްޓިކް ރަބަރު ރޭނދާއަކީ، ބައެއް ކަހަލަ ފޭރާންތަކުގައި ހަރުލާފައި ހުންނަ ވަހުގެ އަސްލު ސަބަބެވެ. އެހެންކަމުން އިލާސްޓިކް އެކުލެވޭ ފޭރާމާއި އަންނައުނު ދޮންނަ ނަމަ މެޝިނުގައި ދޮންނަން ބޭނުންކުރާ ފެނަކީ އެހާ ހޫނު ނޫން ފެނެއްކަން ކަށަވަރު ކުރާށެވެ. އިލާސްޓިކް އެއްޗެހި ދޮވުމަށް އެންމެ ރަނގަޅީ، އާންމުކޮށް ފެންނަ ހުންނަ ފިނިހޫނު މިނުގައި ބޭނުން ކުރުމުންނެވެ.

އެއްޗިހި ދޮންނަން ބޮޑުވެފައި އިން މީހެއް/ފޮޓޯ: ދަ ސްޕްރޫސް

ކޮންމެ ކަމަކީވެސް ހުނަރެކެވެ. އެއްވެސް ކަމަކީ އާދައިގެ ކަމެއް ކަމުގައި ދެކެވެން ނުއޮންނަނީ މިފަދަ އެތައް ސަބަބަކާ ހެދިއެވެ. އެހެންކަމުން، ގޭގައި އެއްޗެހި ދޮންނަން ފަސޭހަ ވާނެ ފަދަ ގޮތަކަށް ލޯންޑްރީ ބާސްކެޓް ނުވަތަ ދާ އެއްޗެހި އަޅަން ބޭނުންކުރާ ވަށިގަނޑު ފަދަ ތަކެތި އަތުރާލުމަކީ ބުއްދިވެރި ގޮތެކެވެ.