ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮ ވިޑް 19 ބަލި ފެތުރެމުން އަންނަ މިންވަރަށް ރިއާޔަތްކޮށް، އަދި އެހެން ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަލައި، ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ވާތީ މިހާރުން މިހާރަށް ދުރާލާ ތައްޔާރުވުމަށް ދަނީ އެކިއެކި މަސައްކަތް ކުރެވެމުން ކަމަށެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް 19 އަށް އެއްވެސް ފަރާތަކުން ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިމިނެއްގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން، ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިހާރު ވަނީ ނޭޝަނަލް އެމޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށްފައި ކަމަށެވެ. އެ މަސައްކަތުގައި ދިވެހިރާއްޖެ އޮތް ހާލަތަށް ބަލައި މި މުއައްސަސާތަކަށް ގާނޫނުން މަތިކުރާ ޒިންމާ އަދާކުރުމުގައި ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށާއި އރ ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭ ރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް 19 އަށް އިތުރަށް ސްކްރީން ކުރުން ކަމަށްވެސް އެ މިނިސްތްރީން ބުނެއެވެ.

އަދި މީގެ އިތުރުން މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން، އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމްކުރެވިގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރި އަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ޑް ރިލެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން އެ ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ކޮވިޑް19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ދުރާލާ ރާވައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމާގުޅޭ މުއައްސަސާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ސައްހަ މައުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެންހުރި މުހިއްމު ކަންކަން ފުރިހަމަކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ކަމާބެހޭ ރަސްމީ އިދާރާތަކުން ވަމުންދާ ތައްޔާރީތަކުގެ ބޭނުމަކީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން ރައްކާތެރިވުމަށް ދުރާލާ ރޭވުމާއި ރައްޔިތުންނަށް މިފަދަ ބަލިތަކަށް ރައްކާތެރިވުމަށް ބޭނުންވާނެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި އެ މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.