ނޮވެމްބަރު 3 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ފިލައިގެން ރާއްޖެ އިން ބޭރުގައި އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ކުރީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީން ބުނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުން ކަމަށާއި އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
ނޮވެމްބަރު 3 ގެ ހާދިސާއާގުޅިގެން އުމުރު ދުވަހު ޖަލު ހުކުމެއް ތަންފީޒް ،ކުރަމުންދިޔަ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރިކަމުގައި 2010 ވަނަ އަހަރެވެ.
ބޭރަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފައެވެ. ފިލައިގެން ސްރީލަންކާގައި އުޅުމަށް ފަހު އޭނާ އަމިއްލައަށް ވަނީ ރާއްޖޭގެ އެމްބަސީއަށް ވަދެ ހިމާޔަތް ހޯދާފައެވެ. އެއާއެކު އޭނާ ރާއްޖެ ގެނެސް އަލުން ރާއްޖޭގެ ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
ލަންކާގެ "ޕްލޯޓް" ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލައި، ހިނގި އެ ހާދިސާގައި ލުތުފީ އާއި އިތުރު ބަޔަކު މަރަން ހުކުމްކުރިއެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން ވަނީ ހުރިހާ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފައެވެ.
ބަލާބަ ހުރި ވައްތަރު ހެވިފަ