އައިޖީއެމްއެޗްގައި ކޮވިޑް 19ގެ ސާމްޕަލްތައް ތަހުލީލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ތަހުލީލުކުރަން ގެންނަ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްއެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލްތަކާ މެދު ދެކެވޭނީ އަދި އަމަލުކުރެވޭނީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ.

ނުރައްކާތެރި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލްއެއް ތަހުލީލު ކުރި ނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީގައިވެސް ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާ "ސްޓެންޑާޑް ޕްރެކްޓިސް" އާއި "ޕްރޮޓޮކޯލް" ތަކާ އެއްގޮތަށް ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

އެގޮތުން ކޮވިޑް19 ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ ޑަބްލިއުއެޗްއޯ އާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އެކަށައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތުކެއާ ޕްރޮވައިޑާޒް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒްގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

ކޮވިޑް 19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހެދީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.

އެއަށްފަހު އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓެސްޓުކުރީ ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.