އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ގަޑުބަޑު ކުރީ 2008ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުގެތައް ކުއްޔަށް ދީ ވީރާނީ ކުރީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އަދި ވިދާޅުވީ އެތަންތަން ވީރާނާވުމުން އެތަން މަރާމާތު ކުރުމަށްފަހު ކައުންސިލްތަކުން ޕްރޮވިންސް އޮފީހަށް ދިއުން ނިމުމަކަށް ގެނައީ ޖަމީލްގެ ހޯމް މިނިސްޓަރު ކަމުގެ ދަށުން ކަމަށެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ 2018ވަނަ އަހަރު އެމްއެންޔޫއިން އިންތިޒާމު ކޮށްގެން ބޭއްވި ރިޔާސީ ބަހުސްގައި ލާމަރުކަޒީ ނިޒާމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން އެ ބަހުސްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ނޫން ކަމަށެވެ. އަދި އެ ނިޒާމު ހިންގަން އުޅުމުން އެތައް ދައްޗެއް އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރިޔާސީ ބަހުސްގައި ޔާމީން ވިދާޅުވި ވާހަކަފުޅުގެ ވީޑިއޯ އާއްމުކޮށް، އެ ނިޒާމު ގަބޫލުނުކުރާ ބަޔަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.