ޗައިނާގެ ވޫހާން ސިޓީގައި އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް ބާރު ސްޕީޑްގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އޮތް ބޮޑު ބިރެކެވެ. ރާއްޖެ ފަދަ ކުދި، އަދި ގިނަ އަދަދެއްގެ މީހުން އެއްތަނެއްގައި ދިރިއުޅޭ ގައުމުތަކަށް މިއީ އަދި ވަކިން ބިރު ބޮޑު ބައްޔެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މިބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތަކުން ރާއްޖެއަންނަ ފްލައިޓުތައް މެދު ކަނޑާލުމާއި، ކްރޫޒްލައިނާތައް ގެނައުން މެދު ކަނޑާލުން ހިމެނެއެވެ. އަދި އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވެސް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އޮންނާނެ ނޫންތޯއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުއައްސަސާތަކުން ކުރެވިދާނެ ކަންކަން:

  • މަގުމައްޗަށާއި އާންމު ތަންތަނަށް ކުޅު ނުޖެހުން
  • ކެއްސާ ރޯގާ ޖެހިފައިވާނަމަ ގޭގަ މަޑުކުރުން
  • ކެއސަ ކިނބިހި އަޅާއިރު އަތު ހުދުހަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ އުޅަބޮށްޓަށް އެޅުން
  • ލޯ، ނޭފަތް، އަނގަ ހިމެނޭ ހިސާބުގައި އަތްލުން މަދުކުރުން
  • ޑޮމެސްޓިކް ފްލައިޓުތަކަށް އަރާއިރު ދޭ ރިފްރެޝާ ޓިޝޫގެ ބަދަލުގައި ހޭންޑް ސެނިޓައިޒާއެއް ދިނުން
  • އޮފީސްތަކާއި ހޮސްޕިޓަލްތަކުގައި ފަސޭހައިން އަތްދޮވެވޭނެ ގޮތް ހުރުން
  • ސިޑި އަތްގަނޑުގައި އަތްނުލާ ވޭތޯ ބެލުން
  • ފޯނު އަލްކޮހޯލް ހޭންޑް ރަބަކުން ސާފުކުރެވޭތޯ ބެލުން
  • އަލްކޮހޯލް ރަބުން އަތްސާފު ކުރާއިރު، އަތްދޮންނައިރު ހަދާ ހުރިހާ ސްޓެޕްތަކެއް ހެދުން
  • އޮފީސްތަކުގައި އުޅޭ މީހުން އަތްދޮވޭތޯ ބަލާ، ގިނަގިނައިން ހަނދާންކޮށްދިނުން
  • ކުޑަކުދިންނަށް ބޮސް ނުދިނުން
  • ޒަރޫރީ ބޭނުމަކަށް ނޫނީ ހޮސްޕިޓަލަތަކާއި ކްލިނިކްތަކަށް ނުދިއުން
  • އެއްވުންތައް ނުބޭއްވުން
  • މިސްކިތްތަކުގައި ވުޟޫ ކުރުމުގެ ކުރިން އަތްދޮވެވޭ ގޮތަށް ސައިބޯނި ހުރުން
  • ގޮތްނޭނގޭ މައުލޫމާތު ޝެއާ ނުކުރުން
  • ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މިބަލި ޖެހުމުން މަރުވުމުގެ ފުރުސަތު ބޮޑު، މިއަދުން ފެށިގެން ސިގިރޭޓް، ގުޑުގުޑާ، ވޭޕް ބޭނުން ކުރުން ހުއްޓާލުން / އެކަމަށް މަސައްކަތް ފެށުން
  • މިކަންކަން ގިނަގިނައިން އެކަކު އަނެކަކަށް ހަނދާން ކޮށްދިނުން
  • ކޮންމެ ނަމާދެއްގެ ފަހުން ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުން
  • ޑޮކްޓަރުންދޭ ނަސޭހަތް ކަނުލާ އަޑުއަހާ، އަމަލުކުރުން

ކޮވިޑް-19 ގެ ރިސްކު ރާއްޖެއަށް ވަރަށް ބޮޑެވެ. އެހެން ކަމުން މިކަމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް، ބައެއް ޑޮކްޓަރުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން، މި ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރެވެން ހުރި ކަންތައް ކުރުމަށް ޑިކްޓަރުން ދަނީ އާދޭސް ކުރަމުންނެވެ.