ކޯވިޑް-19 ފެތުރޭ ގައުމުތަކަށް ޒިޔާރަތް ކޮށްފައި ނުވިޔަސް، ނިއުމޯނިއާ އަދި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ބަލި ފެތުރޭ ގައުމުތަކަށް ޒިޔާރަތް ކޮށްފައި ނުވިޔަސް، ނިއުމޯނިއާ އަދި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށާފައި ވަނީ ކޯވިޑް-19 ރާއްޖޭގައި އުޅޭތޯ ދެނެގަތުމަށް ކަމަށެވެ.

އެޗްޕީއޭން ބުނީ، ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމްތައް މިހާރު އައިޖީއެމްއެޗުގައި ހަމަޖެހިފައިވާ ކަމަސެވެ. އެގޮތުން އައިޖީއެމްއެޗުގައި ނިއުމޯނިއާ އަށް ފަރުވާދެމުންދާ ބަލި މީހަކު އިއްޔެ ކޯވިޑް-19 އަށް ޓެސްޓު ކުރެވިފައިވާ ކަމަށާއި، އޭނާ ވަނީ ކޯވިޑް-19 އަށް ނެގެޓިވްވެފައި ކަމަށް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، މިއީ ކޯވިޑް-19 އަށް ރާއްޖޭގައި ކުރި ފުރަތަމަ ޓެސްޓު ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ހާލަތަށް ބަލާއިރު، މިވަގުތު ރާއްޖޭގައި މި ބަލި އަށް ޝައްކު ކުރެވޭ އެއްވެސް ފަރާތެއް އަދި މި ބަލި ހުރި އެއްވެސް ފަރާތެއް ނެތެވެ. ނަމަވެސް، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި ބަލި ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ކުރުމަށާއި، މިބަލި ރާއްޖެއިން ފެނިއްޖެނަމަ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދުނިޔޭގައި މި ބަލީގެ ހާލަތު ބަދަލުވަމުން އަންނަ ގޮތާއި ރިއާޔަތްކޮށް، ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް ވެސް ރާއްޖެއިން އަންނަނީ އަޅަމުންނެވެ.

ކޯވިޑް-19 ގެ ހާލަތު އެޗްޕީއޭން އަދި ސަރުކާރުން ދަނީ ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ. ރާއްޖެއަށް ކޮންމެ ވަގުތެއްގައި ވެސް މިބަލި އަތުވެދާނެ ކަމަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެ، އެކަށީގެންވާ ތައްޔާރީތައް ވަމުންދާއިރު، ބައްޔާ ބެހޭ އެންމެހާ މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަސް އެޗްޕީއޭން ބުނެއެވެ. އެޗްޕީއޭން ބުނީ، ރާއްޖެއިން ކޯވިޑް-19 ފެނިއްޖެނަމަވެސް، އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.